އެސްޓީއޯގެ މިދިޔަ އަހަރު އާމްދަނީ 2021 ވަނަ އަހަރާއި އަޅައި ބަލާއިރު، 8 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، މިދިޔަ 2022 ވަނަ އަހަރު ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެކުންފުނީގެ 2021 ވަނަ އަހަރު ތަފާސް ހިސާބުތަށް ދައްކާގޮތުން އެއަހަރު ލިބިފައިވަނީ 10.2 ބިލިއަން ރުފިޔާއެވެ. މިއީ 79 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.
މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، ފާއިތުވި އަހަރު އެސްޓީއޯއިން ވިއްކި ތެލުގެ އަދަދުވެސް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 27 އިންސައްތަ އިތުރުވުން ކަމަށް އެސްޓީއޯއިން ބުނެއެވެ. އެއީ އިތުރު މާރކެޓް ޝެއާރ ލިބި ވިއްކުނު ވޮލިއިމްވެސް އިރުވެގެން ކަމަށާއި، ކުންފުނީގެ އެހެނިހެން ވިޔަފާރިތައްވެސް ކުރިއަރާ އާމްދަނީ އިތުރުވި ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
އެސްޓީއޯގެ ފައިދާވެސް މިދިޔަ އަހަރު އޭގެ ކުރީ އަހަރާއި އަޅައި ބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން ކުންފުނީގެ ހިނގުމުގެ ފައިދާ ފުރަތަމަ ފަހަރަށް ބިލިއަނެއް ފަހަނަޅާފައިވާކަން ވަނީ ހާމަކޮށްފައެވެ. އޭގެ ކުރިން އަހަރު ހިންގުމުގެ ފައިދާ ހުރީ 643 މިލިއަން ރުފިޔާގައެވެ. މިއާއެކު ސާފު ފައިދާގެ ގޮތުގައި 728 މިލިއަން ރުފިޔާ އެއްކޮށް ލިބިފައިވާ ކަމަށް ދައްކައެވެ. އޭގެ ކުރިން 2021 ވަނަ އަހަރު ސާފު ފައިދާއަށް ލިބުނީ އެންމެ 487 މިލިއަން ރުފިޔާއެވެ.
ފައިދާ އިތުރުވުމާއި ގުޅިގެންވެސް އެސްޓީއޯއިން ބުނެފައިވަނީ ކުންފުނީގެ ވިޔަފާރިއަށް ކުރިއެރުން ލިބިފައިވާ ކަން ފާހަގަކޮށް، ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުވެފައިވާކަމަށެވެ. ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިވެސް އެކީ އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ 1 ބިލިއަނަށް އަރާފައެވެ.