Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ބީއެމްއެލްގެ ސާފު ފައިދާ އަށް 504 މިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 504.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ނުވަ އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ ފުރަަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު އިތުރު ޢަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ބީއެމްއެލްއަށް ލިބިފައިވަނީ 983.1 މިލިއަން ރުފިޔާ އެވެ.

މި ނަތީޖާއާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދުނު ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި މި ކުއާޓަރުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން 1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ލޯނު ދޫކޮށްފައި ކަމަށެވެ. އަދި ބޭންކުން މަސައްކަތް ކުރާނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ކާމިޔާބު ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ނިޒާމް ފުޅާކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު 20 ބްރާންޗް އެބަހުއްޓެވެ. އަދި 141 އޭޓީއެމްއާއި، 85 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު ހުރިކަމަށް ބީއެމްއެލްއިން ބުނެ އެވެ.