Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ތިނަދޫގައި ލެޕްރޯސްކޮޕިކް ސާޖަރީތަކެއް ހަދަނީ

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ލެޕްރޯސްކޮޕިކް ސާޖަރީތަކެއް މާދަމާ ހަދަން ތައްޔާރުވެއްޖެ އެވެ.

އެ ހޮސްޕިޓަލުން ބުނީ މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ލެޕްރޯސްކޮޕިކް ސާޖަރީ ހަދަން ޖެހޭ މީހުންނަށް ސާޖަރީ ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ސާޖަރީތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗާ ގުޅިގެންނެވެ.

ލެޕްރޯސްކޮޕިކް ސާޖަރީ އަކީ ކެފުމުގެ ބަދަލުގައި ބަނޑުގައި ކުދި ލޯވަޅުތަކެއް އަޅައިގެން ހަދާ ސާޖަރީއެކެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެތަނުގައި ދާއިމީކޮށް ލެޕްރޯސްކޮޕިކް ސާޖަރީ ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އައިޖީއެމްއެޗްއާ ގުޅިގެން މަސައްކަތްތަކެއް ވެސް ކުރެވެމުން އަންނަ ކަމަށެވެ. އެ ސާޖަރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ސާމާނު މިދިޔަ އަހަރުގެ ފަހުކޮޅު ތިނަދުއަށް ގޮންގޮސް އިންސްޓޯލްކޮށްފައިވެ އެވެ.

ލެޕްރޯސްކޮޕިކް ސާޖަރީގެ ޚިދުމަތާއެކު އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތް ވެސް މާދަމާ ފެށުމަށް ހަމަޖެހިފައިވެ އެވެ. މިއީ ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަވަހަށް ފަސޭހަކުރުމުގެ ފަރުވާއެކެވެ. އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތަށް ދިނުމަށް ހާއްސަ ކްލިނިކެއް ވެސް ތިނަދޫ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވެ އެވެ.

މީގެ އިތުރުން ކެމެރާ ލައްވައިގެން ކުރަންޖެހޭ އަންހެނުންގެ ހާއްސަ އޮޕަރޭޝަންތަކާއި ހުޅުތެރެއަށް ކެމެރާ ލައްވައިގެން ކުރާ ކަށީގެ އޮޕަރޭޝަންތައް ފެށުމަށް ވެސް އެ ހޮސްޕިޓަލުން އަންނަަނީ ތައްޔާރުވަމުންނެވެ.