Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ޗާގޯސް މައްސަލައިގައި އިތުރު މޮޅު ނަތީޖާއެއް ނުނިކުންނާނެ

ޗާގޯސްގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ކަމަށް ބުނާ ސިއްރު ސިޓީއާ ގުޅިގެން ކަމަށާއި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ، އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލައިގައި އިތުރު ނަތީޖާއެއް ނުކުމެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި މިއަށްވުރެެއް ރަނގަޅު ނަތީޖާއެއް ނުކުތުމަކީ ވުމަށް ވުރެން ނުވުން ގާތް ކަމެއް ކަމަށެވެ. މި މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އަދި އެމަނިކުފާނުގެ ޓީމުން ރަނގަޅު މަސައްކަތެއް ކުރައްވާފައިވާކަމަށެވެ.

މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން އޮތީ ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީ ސިއްރު ކޮށްފައި އޮތުމުން ކަމަށާއި، އެއީ ސަރުކާރުގެ ކޮމިއުނިކޭޝަން ޕޮލިސީގެ ފެއިލިޔާއެއް ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ރައީސް ސޯލިހް ފޮނުވި ސިޓީއާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިހާރުވެސް ސަރުކާރު ކޯލިޝަންގައި އޮތް އެމްއާރްއެމް އަދި ޖުމްހޫރީ ޕާޓީންވެސް ވަނީ މިކަމުގައި ސަރުކާރަށް ފާޑުކިޔާފައެވެ.

ސަރުކާރުން ބުނަމުން އަންނަނީ މި މައްސަލަ އިޓްލޮސްއިން ނިންމާފައިވަނީ ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް ކަމަށެވެ.