Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ޔާމީންގެ ހައްގަށް އުނިކަން ލިބޭނެކަމެއް ނުކުރަން

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންސާނީ ހައްޤަކަށް އުނިކަން އަންނާނެ އެއްވެސް ކެމެއް ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ޖަލަށްލާފައިވާ ކުރީގެ ރައީސް ޔާމީން ހުންނެވި ތަނުގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހުރިހާ ހަރަކާތެއް މިނިސްޓަރު އިމްރާން ބައްލަވަމުން ގެންދަވާ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓުގައި އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ އިންސާނީ ހައްޤަކަށް އަދި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އެމަނިކުފާނުގެ ޒަމީރު ތަންދޭނެ ކަމެއް ނޫން ކަމަށެވެ.

އިމްރާން ވިދާޅުވީ ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކަށް ރައީސް ޔާމީން ވާނެކަމަށް ކަރެކްޝަންސްގެ އޮފިސަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިމްރާން ވަރުގެ އަނިޔާވެރި ހޯމް މިނިސްޓަރެއް ތާރީހު ދެކެފައި ނުވާ ކަމަށާއި އިމްރާނަކީ ޔާމީނާއި ވަރަށް ބޮޑަށް ޒާތީ ވެފައި ހުންނެވި ބޭފުޅެއް ކަމަށެވެ.އަދި ޔާމީނާއި މިހާ ބޮޑަށް ޒާތީވެފައި ހުންނެވި ބޭފުޅެއްގެ ބެލުމުގެ ދަށުގައި ހުރި ޖަލެއްގައި އެމަނިކުފާނު ހުންނެވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.