ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ކުރިއަށް ނުދާނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހައިކޯޓަށް ގޮސްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ. އެ ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގެންފައިވަނީ އޭޕްރިލް މަހުއެވެ.
ހައިކޯޓުން ނިކުމެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހައިކޯޓަށް ދިޔައީ އިސްތިއުނާފު މައްސަލަ ތާވަލު ނުކުރާ ސަބަބެއް އަދި އެ މައްސަލަ ކުރިއަށްނުދާ ސަބަބެއް ސާފު ކުރުމަށް ކަމަށެވެ. އެހެންނަމަވެސް މިއަދު ހައިކޯޓުގެ ރަޖިސްޓްރާއާ ބައްދަލުނުވި ކަމަށް ވިދާޅުވިއެވެ.
ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ކުރިއަށް ނުދާތީ ކަންބޮޑުވާކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށާއި ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮތުމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ވ. އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނަމުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.