Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ކައުންސިލްގެ އިންޝުއަރެންސް އަލުން ބީލަމަށް

އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ސްކީމް ހަމަޖައްސައި ދޭނެ ބަޔަކު ހޯދަން ކައުންސިލުން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން މިިކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ހުޅުވާލި އެވެ. އެކަމަކު އޭރު ކުރި އިއުލާން ބާތިލުކޮށް އަލުން ޝައުގުވެރިވާ އިންޝުއަރެންސް ކުންފުނިތަކަށް ބީލަމުގައި ބައިވެރިވާން މި މަހުގެ 15 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން މިއަދުން ފެށިގެން މި މަހުގެ 7 އާ ރަޖިސްޓްރީވާން ޖެހެ އެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 8 ގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިންޝުއަރެންސް ސްކީމަށް ތައާރަފުކުރަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އަދި އެކަމަށް "އައްޑޫ ޓްރަސްޓް ފަންޑް" އިން މިލިއަން ރުފިޔާގެ ލޯނެއް ނަގަން ވެސް ނިންމާފައިވެ އެވެ.

ކައުންސިލުން އޭރު ބުނެފައިވާ ގޮތުގައި އެ އިންޝުއެރެންސް ސްކީމްގައި ބައިވެރިވާން ބޭނުންވާ މުވައްޒަފުންނަށް އެކަމަށް ހުޅުވައިލާނެ އެވެ.

މި ސްކީމާ ބެހޭ ގޮތުން މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ މި ސްކީމްގެ ދަށުން ބޭރުގެ ތިން ގައުމަކުން ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ލިބޭނެ ކަމަށެވެ. އެއީ އިންޑިއާ އާއި ލަންކާގެ އިތުރުން ތައިލެންޑެވެ. އޭނަ ވިދާޅުވެފައި ވަނީ މީގެ ސަބަބުން އާސަންދަ ނުލިބޭ ބަލިތަކަށް ކައުންސިލްގެ އިންޝޫރެންސް ޕެކޭޖުގެ ސަބަބުން މުވައްޒަފުންނަށް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.