Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ހަރުކަށި ފިކުރުގެ ނުފޫޒުތަކަށް ހޭލުންތެރިކުރަން އެހީތެރިވެދޭނަން

ފޮޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ހަރުކަށި ފިކުރުގެ ނުފޫޒުތަކަށް ޒުވާނުން ހޭލުންތެރިކުރުވަން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީޓީ) އަށް ހަޔރ އެޑިޔުކޭޝަން މިނިސްޓްރީން އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދެއްވައިފިއެވެ.

އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްކުރުމުގެ ނޭޝަނަލް އެކްޝަން ޕްލޭން މުރާޖައާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހަރުކަށިފިކުރުގެ ނުރައްކާތަކުން ހައްލު ހޯދުމަށް ތައުލީމީ ނިޒާމު އަލުން ބައްޓަން ކޮށް، މަތީ ތައުލީމުދޭ މުއައްސަސާތަކާ ގުޅިގެން ހަރުކަށި ފިކުރާއި ދެކޮޅަށް އެކްޝަން ޕެލޭންތައް އެކުލަވާލުމަށާއި ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ސަލާމަތްވުމުގެ މަގު ޒުވާނުންނަށް ފަހިކޮށްދޭން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހަޔަރ އެޑިއުކޭޝަންގެ ލީޑިންގ އޮތޯރިޓީގެ ހައިސިއްޔަތުން މިކަމުގައި އެ މިނިސްޓްރީގެ ވެސް ދައުރެއް އެބައޮތް ކަމަށާއި އެކަމުގައި އެންސީޓީސީއަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

މިނިސްޓަރ ހަސަން ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންނާއި މުޖުތަމައު ފިކުރީ ގޮތުން ވަރުގަދަ ބަޔަކަށް ހެދުމަކީ ހަރުކަށި ފިކުރާއި ދެކޮޅަށް މުޖުތަމައެއް ބިނާކުރުމުގެ ހަމައެކަނި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަނިޔާވެރި ހަރުކަށިފިކުރު ހުއްޓުވުމަށާއި އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު މުރާޖާކޮށް ތަންފީޒުކުރުމަށް ވޯކްޝޮޕްގެ ބައިވެރިން އެއްބާރުލުން މުހިއްމުކަމަށް މިނިސްޓަރ ހަސަން ވިދާޅުވިއެވެ. އެގޮތުން ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަމާއި ދީނީ އަގީދާ ވަރުގަދަ ކުރުމުގެ އިތުރުން މައްސަލަތަކުގެ ހައްލުހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށް ވިދާޅުވިއެވެ.