Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ހިޔާ ފްލެޓްތަކުގެ މައްސަލަތައް ޖޫން އަށް ހައްލުކޮށް ދޭނެ

ހިޔާ ޓަވަރުތައް ބޭރުން / ފޮޓޯ: އައްޑޫލައިވް

ހިޔާ ފްލެޓްތަކުގައި ކޮންޓްރެކްޓަރުގެ މަސައްކަތުގެ ސަބަބުން ދިމާވާ މައްސަލަތައް މި އަންނަ ޖޫން މަހުގެ ނިޔަލަށް ހައްލުކޮށްދޭނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އެކުންފުނިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ހިޔާ ފްލެޓްތަކުގެ ކޮންޓްރެކްޓަރ ޑިފެކްޓް ލަޔަބިލިޓީ ޕީރިއަޑް އަކީ މިދިޔަ އަހަރުގެ ނިޔަލަށް ކަމަށްވީނަމަވެސް، އަދިވެސް ކަރަންޓާއި، ފެން ލީކްވުމާއި، ޑްރެއިން ބްލޮކް ވުމާއި، ބެލްކަނީ ސްލޯޕްގެ މައްސަލަތައް ހުށަހެޅެމުންދާ ކަމަށެވެ. އަދި ކުންފުނިން އެ މައްސަލަތައް ހައްލުކޮށްދެމުން މިހާތަނަށްވެސް އަންނަ ކަމަށް ބުނިއެވެ.

އެގޮތުން ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި، ފްލެޓް ހަވާލުވުމަށް ފަހު ފްލެޓްތައް ހުންނާނީ ދިރިއުޅޭ ފަރާތްތަކުގެ ފުރިހަމަ ޒިންމާގެ ދަށުގައި ކަމުގައި ބަޔާން ވެފައިވީ ނަމަވެސް، ހިޔާ ސަރަހައްދަކީ ބޮޑު އާބާދީއެއް އުޅޭ ސަރަހައްދެއްކަން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން އެއްފަހަރާ މީހުން ދިރިއުޅެން ފެށުމުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެ ކުންފުނިން ނިންމީ، އެ ޙިދުމަތް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކައް ވީހާވެސް ދިގު މުއްދަތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް ޙިދުމަތް ފޯރުކޮށްދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން މިހާތަނަށްވެސް ހުށަހެޅުނު ގިނަ މައްސަލަތައް ހައްލުކޮށްދީފައިވާ ކަމަށާއި، މިހާރު މައްސަލަ ހުށަހެޅޭ މިންވަރު ދަށްވަމުންދާކަން ފާހަގަވާ ކަމަށް އެކުންފުނިން ބުނެއެވެ.

ހިޔާ ފްލެޓް ސަރަހައްދު / ފޮޓޯ: އައްޑޫލައިވް

މިއާއެކު ޖޫން މަހަށް ފަހު އެކުންފުނިން ބަލަހައްޓަމުންދާނީ ހިޔާ ފްލެޓްތަކުގެ އިމާރާތުގެ އާންމު ތަންތަނާއި މުޅި އިމާރާތާއި ޚިދުމަތް ދިނުމަށް ޤާއިމްވެފައިވާ ވަސީލަތްތައް ކަމަށް އާބަންކޯއިން ބުނެއެވެ.

ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފިނިޝިން މަސައްކަތް ނުނިންމައެވެ. އެހެން ވުމުގެ ސަބަބުން ފިނިޝިން މަސައްކަތް ނިންމަން ޖެހުނީ ފްލެޓްވެރިން އަމިއްލައަށް ޙަރަދުކޮށްގެންނެވެ. މިއާއެކު ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަަށް ގިނަ ފްލެޓްވެރިން އެދުނު ނަމަވެސް އޭރު ސަރުކާރުން ބުނީ އޭގެ ސަބަބުން ސަރުކާރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.

ނަމަވެސް ދާދި ފަހުން ފްލެޓަށް ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް، ފްލެޓް ކުލި 5300ރ. އަށް ކުޑަ ކުރުމަށް ސަރުކާރާއި އާބަންކޯ އަދި ޕްލޭނިން މިނިސްޓްރީ ދެމެދު ކުރެވުނު މަޝްވަރާތަކުން ނިންމާފައެވެ.