Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ޕީއެސްޖީން މެސީ ސަސްޕެންޑްކޮށްފި

ޕީއެސްޖީން އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ސަސްޕެންޑްކޮށްފި އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން މެސީ ސަސްޕެންޑް ކުރީ ދެ ހަފްތާގެ މުއްދަތަކަށެވެ. މި މުއްދަތުގައި އޭނާ އަށް މުސާރަ ވެސް ނުލިބޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕީއެސްޖީން މެސީ ސަސްޕެންޑް ކުރީ އެ ކްލަބުގެ ހުއްދަ ހޯދުމަކާ ނުލައި މިދިޔަ ހޯމަ ދުވަހު ސައުދީ އަރަބިއްޔާ އަށް ކުރި ދަތުރަކާއި ގުޅިގެންނެވެ. އެ ދަތުރަކީ ސައުދީގެ ޓޫރިޒަމްގެ ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން މެސީ ކުރި ދަތުރެކެވެ. އެ ދަތުރުގައި މެސީގެ އަންހެނުންނާއި ކުދިން ވަނީ ސައުދީގެ އެކި ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ.

ފްރެންޗް ލީގުގައި މިދިޔަ އާދީއްތަ ދުވަހު ލޮރިއެންޓް އަތުން 3-1 އިން ޕީއެސްޖީ ބަލިވިއިރު މީގެކުރިން ނިންމާފައި އޮތީ އެ މެޗަށްފަހު ކުޅުންތެރިންނަށް ދެ ދުވަހެއްގެ އޮފެއް ދިނުމަށެވެ. ނަމަވެސް އެ މެޗުން ބަލިވުމުން ހޯމަ ދުވަހު ކުޅުންތެރިން ފަރިތަކުރުންތަކަށް ނިކުތުމަށް އެންގި ނަމަވެސް މެސީ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެ އެވެ.

ސައުދީ އަށް ދަތުރު ކުރުމުގެ ކުރިން ޕީއެސްޖީގެ ފަރާތުން ހުއްދަ އަށް މެސީ އެދުނު ނަމަވެސް ކްލަބުން އެ ދަތުރު ކުރުމަށް އޭނާ އަށް ހުއްދަ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެ ހަފްތާ އަށް މެސީ ސަސްޕެންޑް ކުރުމުން ލީގުގައި ޕީއެސްޖީން ދެން ކުޅޭ ދެ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.

ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު ކޮންޓްރެކްޓް އާނުކޮށް އޭނާ އެ ކްލަބް ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް މިހާރު ވަނީ ބެލެވިފަ އެވެ. މެސީ އަނބުރާ ގެންދަން އޭނާ ކުރިން ކުޅުނު ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.