އަމިއްލަ ދަނޑުގައި ޗެލްސީ 3-1 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް ޗެލްސީ އަލުން އަރައިފި އެވެ.
މި މޮޅާއެކު އާސެނަލް އެއްވަނައިގައި އޮތީ 34 މެޗުން ލިބުނު 78 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 32 މެޗުން ލިބުނު 76 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގައި މިރޭ ވެސްޓްހަމް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ސިޓީ އަށް އަލުން އެއްވަނަ ލިބޭނެ އެވެ. ރޭގެ މެޗުން ބަލިވި ޗެލްސީ އޮތީ 39 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 18 ވަނަ މިނެޓްގައި އާސެނަލް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އޮޑެގާޑް މި ގޯލު ކާމިޔާބު ކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 31 ވަނަ މިނެޓްގައި އާސެނަލްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އޮޑެގާޑް ކަމަށްވާއިރު އޭގެ ތިން މިނެޓްފަހުން އާސެނަލްގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ.
ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އާސެނަލުން ނިންމާލިއިރު ޗެލްސީގެ ހަމައެކަނި ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނޯނީ މަޑުއޭކޭ އެވެ.
ޗެލްސީގެ ކޯޗުކަމާ ވަގުތީ ގޮތުން ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން އެޓީމަށް އަދި މޮޅެއް ހޯދިފައެއް ނުވެ އެވެ. ލަމްޕާޑްގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފަ އެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ޗެލްސީ ނިކުންނާނީ ބޯންމަތްއާ ދެކޮޅަށެވެ.