އޮސަސޫނާގެ މައްޗަށް 1-0 އިން ކުރި ހޯދައި، ސްޕެނިޝް ލީގު ހޯދުމާ ގާތަށް ބާސެލޯނާ އިން ޖެހިލައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 33 މެޗުން ލިބުނު 82 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 33 މެޗުން ލިބުނު 68 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ރެއާލް ރޭ ވަނީ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން ބަލިވެފަ އެވެ. ލީގުގެ ތިންވަނައިގައި 32 މެޗުން ލިބުނު 66 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
ލީގުގައި ބާސާ އަށް ބާކީ ފަސް މެޗު އޮތްއިރު ލީގުގައި އަންނަ ހަފްތާގައި އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެޓީމަށް ލީގު ކަށަވަރުވާނެ އެވެ.
ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 26 ވަނަ މިނެޓްގައި އޮސަސޫނާގެ ހެރާންޑޯ އޮރޯޒް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ބާސާގެ ޕެޑްރީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ބާސާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް ޖޯޑީ އަލްބާ އެވެ. އަލްބާ މި ގޯލު ކާމިޔާބު ކުރީ އޮސަސޫނާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ބާސާގެ ލީޑު ފުޅާކޮށްލަން ފަހު ވަގުތުކޮޅުތެރޭ އަންސޫ ފާޓީ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.