Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ފިރިމީހާގެ ސިލްސިލާ އިން ޕާކީގެ ދަތުރު ނިމުމަކަށް

ނީލް ބަޓް ބަތަލުގެ ރޯލު ކުޅޭ ސްޓާ ޕްލަސްގެ ސިލްސިލާ "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ގައި އޭނަގެ އަސްލު އަންހެނުން އައިޝްވާރިއާ ޝަރުމާ ކުޅެމުން އައި ޕާކީގެ ރޯލު ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

މި ވާހަކަ ދައުރުވާން ފެށުމާ އެކީ ގިނަ ބަޔަކު ހީކުރީ އޭނަ ބަލިވެއިނުމާ ގުޅިގެން ސިލްސިލާ އިން ވަކިވާން ނިންމީ ކަމަށެވެ. ނަމަވެސް މީޑިއާތަކުން ބުނި ގޮތުގައި ޕާކީގެ ކެރެކްޓާ އަށް ނިމުން ގެންނަން ނިންމީ "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ގެ ވާހަކަ އަށް ގެންނަން ނިންމާފައިވާ ބޮޑު ބަދަލާ ގުޅިގެންނެވެ.

މި ސިލްސިލާގައި އައިޝްވާރިއާ ކުޅެމުން އައި ލޯބިވެރިޔާ ހާސިލު ނުވުމުން އޭނަގެ އަންހެނުންނާ ޖައްސާލައިލައިގެން ބަދަލު ހިފަން އުޅޭ މީހެއްގެ ރޯލެވެ. ސިލްސިލާގެ ލީޑް ތަރިންނަކީ ނީލް އާއި އައިޝާ ސިންގް އެވެ. "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ގައ ނީލް ކުޅެނީ ވިރާޓް ކިޔާ ކެރެކްޓާއެކެވެ. އައިޝާ ކުޅެނީ ސައީގެ ކެރެކްޓާ އެވެ.

މީގައި ޕާކީގެ ރޯލު ނިމުމަކަށް ގެންނަން ނިންމުމާ ގުޅިގެން ފޭނުންގެ އިތުރުން އައިޝްވާރިއާގެ ފިރިމީހާ ނީލް ވެސް ސޯޝަލް މީޑިއާގައި އެ މާޔޫސްކަން ހިއްސާކޮށްފައިވެ އެވެ. ސިލްސިލާގެ ފުރަތަމަ ދުވަހުގެ ޝޫޓިންގެ ތެރެއިން އައިޝްވާރިއާއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ ނީލް އިންސްޓަގްރާމްގައި ބުނީ ދެން ވަރަށް އޭނަ މިސްވާނެ ކަމަށެވެ.

ނީލް އާއި އައިޝްވާރިއާ ކައިވެނިކުރީ 2021 ގަ އެވެ. "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ދައްކަމުން އަންނަނީ އޮކްޓޯބަރު 5، 2020 އިން ފެށިގެންނެވެ. މިހާތަނަށް މި ސިލްސިލާގެ 801 އެޕިސޯޑް ގެނެސްދީފައިވެ އެވެ.