Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭނީ ތެދު މައުލޫމާތު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައެއް ނޫސްވެރިންނާއެކު- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން ފޯރުކޮށްދޭންވާނީ ސާފު ތެދު މައުލޫމާތުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ސޯލިހް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާ މެދު މިއަދުގެ ޑިމޮކްރެޓިކް މުޖުތަމައު ދެކެނީ، ހަމައެކަނި އަސާސީ ހައްޤެއްގެ ގޮތުގައެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ނޫސްވެރިކަމުގެ މިނިވަންކަމާ މެދު މިއަދު އޮތް ޤަބޫލުކުރުމަކީ، އެއީ ހުރިހާ އިންސާނީ ހައްޤުތަކެއްގެ ދިރުން ކަމުގައި ކަމަށެވެ.

އެހެންކަމުން ނޫސްވެރިންގެ އެންމެ އިސް ވާޖިބަކަށް ވާންވީ، އެންމެހައި ފަރުދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ހައްޤުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ތެދު މައުލޫމާތު ލިބުމަކީ އެންމެ އަސާސީ އެއް ޙައްޤަށް ވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭންވާނީ ސާފު ތެދު މައުލޫމާތުކަން ކަށަވަރެވެ. ރައްޔިތުންގެ މެދުގައި ފަތުރާ މައުލޫމާތުގައި ދޮގާއި ޝައްކާއި ވަހުމާއި ޔޯލަތައް އެކުލެވިއްޖެ ނަމަ، ފަރުދީ އެތައް ހައްޤެއް ގެއްލިގެން ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެސީގެ މަގުގައި ލިބުނު ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތް ކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ ވެސް މަސްއޫލިއްޔަތެއް ކަމަށާާއި އެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާ ގުޅިފައިވާ ޒިންމާތަކަށް ފުރިހަމައަށް ރައްކާތެރިވުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ހާލަތެއްގައި ވިޔަސް އިތުބާރު ހުރި ތެދު މަޢުލޫމާތު ފެތުރުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު، އެންމެ ބޮޑަށް ހަނދާނުގައި ބަހައްޓަންޖެހެނީ މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރު ކަމަށެވެ.