Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް

ބައެއް ނޫސްވެރިން ރައީސް އޮފީހުގައި- ފޮޓޯ: ރައީސް އޮފީސް

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާސްއިން އަހަރަކު އެއް ފަހަރު ނެރޭ ވޯލްޑް ޕްރެސް ޕްރީޑަމް އިންޑެންސްގައި ރާއްޖެ 13 ދަރަޖަ ފަަހަތަށް ވެއްޓި 100 ވަނައިގައި ހިމެނިފައިވާއިރު އެކަމުގައި ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، އެމްޖޭއޭ ވަނީ ބަޔާނެއް ނެރެފައެވެ.

ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެސްގައި 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. އެހެން ނަމަވެސް މިއަދު އާންމުކުރި ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ވަނީ 100 ވަނައަށް ވެއްޓިފައެވެ.

އޭގެ މާނައަކީ ރާއްޖެ މިހާރު އޮތީ ނޫސްވެެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ގައުމުތަކުގެ ކެޓަގަރީގައެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނެފައިވަނީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އަބުރުގެ ގާނޫނު އުވާލުން ފަދަ ކަންކަން ކުރުމާ އެކު ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ރަނގަޅުވެގެން ދިޔަ ކަމަށެވެ. އެގޮތުން، 2021ގައި ރާއްޖޭގެ ދަރަޖައަކީ 72 އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުނު އިރު ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭ އޮތީ 120 ވަނައިގައެވެ. އެއީ ނޫސްވެރިކަމަށް އުނދަގޫ ހާލަތްތައް ހުރި ކެޓަގަރީ އެވެ.

ޕްރެސް ފްރީޑޮމް އިންޑެސްގައި ރާއްޖޭގެ ދަރަޖަ އަނެއްކާ ވެސް ދަށަށް ދާން ފެށުމާ ވިދިގެން އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވިދާޅުވީ، މި އިންޑެކްސް ރަނގަޅު ކުރުމަށް ޓަކައި ދިގު ނުދަންމާ ހެއްކާ ބެހޭ ގާނޫނު ނޫސްވެރިންނަށް ފަހިވާނޭ ގޮތަށް އިސްލާހު ކުރަންޖެހޭ ކަމަށެވެ. އަދި ނޫސްތަކަށް މާލީ މިނިވަންކަން ލިބޭނޭ ސިޔާސަތުތަކަށް ސަރުކާރުން ބާރުއަޅަން ޖެހޭ ކަމަށާއި ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރާނޭ ގައުމީ ސިޔާސަތެއް ބޭނުންވާ ކަމަށެވެ.

"ނޫސްވެރިކަމާއި ނޫސްވެރިން ހިމާޔަތްކޮށް އެ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ސަރުކާރެއްގެވެސް ވާޖިބަކަށް ހަދަން ޖެހޭ. ނަމަވެސް މި ފެންނަނީ އެ ވާޖިބުގެ މަތިން ކޮންމެ ސަރުކާރަކުން ވެސް ހަނދާން ނެތޭތަން. މިއީ ހިތާމަހުރި ކަމެއް." އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވިދާޅުވިއެވެ.

ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސްއަކީ ދުނިޔޭގެ 180 ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު އޮތް މިންވަރު މިންކުރާ، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ރަސްމީ އިންޑެކްސްއެކެވެ.