މިދިޔަ ހޮނިހިރު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގައި ގެއްލުނު އުމުރުން ދުވަސްވީ މީހާގެ ހަށިގަނޑުގެ ބައިތަކެއް ކިނބުލެއްގެ ތެރެއިން ފެނިއްޖެ އެވެ.
ކްއީންސް ލޭންޑްގެ ފުުލުހުން ބުނީ ގެއްލިގެން ހޯދީ ކެވިން ޑާމޮޑީ، 65، ގެ ހަށިގަނޑުގެ ބައިތަކެއް ފެނުނީ އޭނަ ގެއްލުނު ސަރަހައްދުގެ ލޮނު ފެންގަނޑެއް ތެރޭގައި އުޅުނު ދެ ކިނބުލެއް މަރާލައި އެ އެއްޗެހި ފަޅައިގެން ބެލި އިރު އެވެ. އެކަމަކު ހަށިގަނޑުގެ ބައިތަކެއް ފެނުނީ އޭގެ ތެރެއިން އެއް ކިނބޫގެ ތެެރެއިންނެވެ.
ކެވިން ގެއްލުނީ ކިނބޫ ދިން ހަމަލާއެއްގައި ކަމަށް ބެލެވިގެން އެ އެއްޗެހި މަރާލީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދެ ކިނބޫގެ ބޮޑު މިނުގައި 13.4 ފޫޓް ހުއްޓެވެ.
މަސްވެރިކަމުގެ ތަޖުރިބާރެއް ކަމަށްވާ ކެވިން ގެއްލުނީ އެކުވެރިންތަކަކާ އެކީ އުތުރު ކްއީންސްލޭންޑްގެ ދުރު ހިސާބަކަށް މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ.

މި ހާދިސާއާ ގުޅިގެން އޭނައާ އެކީ މަހަށް ދިޔަ ޖޯން ޕީޓީ ބުނީ ކެވިން އަށް ވީގޮތެއް ނޭނގޭ ކަމަށާއި އެކަމަކު އެ މީހުން ތަންކޮޅެއް ދުރުގައި ތިއްބައި ފެންގަނޑުގެ ތެރެއަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އިވުނު ކަމަށެވެ. އޭގެ ފަހުން ކެވިން ނުފެންނަ ކަމަށް ބުންޏެވެ.
އޮސްޓްރޭލިއާގެ އުތުރުގެ ހިސާބުތަކުގައި ކިނބޫ ގިނަ ނަމަވެސް އިންސާނުންނަށް އެއްޗެހި ގެއްލުން ދިނުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ކެވިން އަށް ކިނބޫތަކެއް ދިން ހަމަލާ އަކީ 1985 ގެ ފަހުން ހިނގި 13 ވަނަ މަރެވެ.