Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ "ޖަވާން" ޖޫން 29 ގައި

އަންނަ މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" އެ މަހުގެ 29 އަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ވީއެފްއެކްސް އަށް ކުރިން ނަގާނެ ކަމަށް ބެލެވުނު ވަގުތަށް ވުރެ ގިނަ ވަގުތު ނަގާތީ ފިލްމު މި އަހަރުގެ އޮކްޓޯބަރަށް ފަސްކުރަން ނިންމިކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އެރި އެވެ. ނަމަވެސް "ޖަވާން" ތާރީހު ބަދަލުކުރުމާ ބެހޭ ގޮތުން ދެކެވެމުން އަންނަ ވާހަކައާ ބެހޭ ގޮތުން ފިލްމުގެ ޓީމުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެހެންވެ އަންނަ މަހު ފިލްމު ރިލީޒްކުރުމާ ދޭތެރޭ ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

ޝާހްރުކް ޑަބަލް ރޯލަކުން ފެންނާނެ މި ފިލްމަކީ ޖެނުއަރީގައި ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ޕަތާން" އަށް ފަހު ގެނެސްދޭ ފިލްމަށްވާތީ މިއަށް ކުރެވޭ އިންތިޒާރީ އާއި ކުރެވޭ އުންމީދުތައް ބޮޑެވެ. އެ ފިލްމު ގޮތަށް "ޖަވާން" އަކީ ވެސް އެކްޝަން ތުރިލާއެކެވެ.

ތަމަޅަ ޑައިރެކްޓަރު އެޓްލީގެ މި ފިލްމުގެ ކާސްޓްގައި ހިމެނެނީ ބޮލީވުޑާއި ދެކުނުގެ މަސްހުނި ކާސްޓެކެވެ. އެގޮތުން "ޖަވާން" ގެ ލީޑް ބަތަލާ އަކީ ނަޔަންތަރާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ގްރޯވާ، ސާނިއާ މަލްއުތުރާ، ޔޮގީ ބާބޫ، ވިޖޭ ސެތުޕަތީ، ޕްރިޔަމަނީ އަދި ރިދީ ޑޮގްރާ އާއި އާސްތާ އަގަރްވާލް ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯން އާއި ވިޖޭ އަދި އައްލޫ އަރުޖުން ފެންނާނެ އެވެ.

މި އަހަރުގެ ޑިސެމްބަރަށް ޝާހްރުކްގެ "ދުންކީ" ވެސް ތާވަލުކޮށްފައިވެ އެވެ.