Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އިޖުތިމާއީ ރައްކާތެރިކަން ދިނުމަކީ އަމާޒެއް

އިޖްުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

"އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް" އިފުތިތާހު ކުރަބް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ފައިސަލްވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޤައުމީ އިޖުތިމާޢީ ރައްކާތެރިކަމުގެ އައު އޮނިގަނޑުގެ ތެރެއިން އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް އެކަން އަލުން މުރާޖަޢާކުރުން ކަމަށެވެ. އަދި، އޭގެ ތެރެއިން އިންޝުއަރެންސް ސްކީމްތަކާއި، އިޖުތިމާޢީ އެހީތެރިކަމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގައި މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ވެސް ހޯދާފައިވާ ކަމަށެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ރެޖިސްޓްރީ ޕޯޓަލްއެއް ތަޢާރަފުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

އަދި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ޔުނިވާސަލް ކޭޝް ޓްރާންސްފަ ޚިދުމަތާއި، ތެރަޕިއުޓިކް އައިޓަމް އެލަވަންސް އަދި އެސިސްޓިވް ޓެކްނޮލޮޖީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަސައްކަތް ކުރެވެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އިޖުތިމާޢީ ރައްކާތެރިކަން އެންމެނަށް ފޯރުކޮށް ދިނުމުގައި ސަރުކާރުން ހޯދައިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، އެކަނިވެރި މައިންނަށް ދެވޭ އެލަވަންސާއި، ޔުޓިލިޓީސް ބިލްތައް ދެއްކުމަށް ފޯރުންތެރިކަން ނެތް ޢާއިލާތަކަށް އިނާޔަތް ފޯރުކޮށް ދިނުމާއި، ޕެންޝަން ސްކީމަށް ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވި ކަންތައްތައް ކަމަށެވެ.

އަދި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވިދާޅުވީ، އެކްޝަން ޕްލޭން އޮން ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަންއަށް ރާއްޖެއިން ވަރަށް ބޮޑަށް ތާޢީދުކުރާ ކަމަށެވެ.

ރީޖަނަލް އެކްޝަން ޕްލޭނަކީ، ސަރަޙައްދީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ، އައު ވިސްނުންތަކުގެ މަޝްވަރާތަކާއި ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިކުރުވާ ޕްލެޓްފޯމެކެވެ.