Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އާސަންދައިން 80 ޕަސެންޓް ސަބްސިޑީ ބަޖެޓުން ޙަރަދުކޮށްފި

ފިނޭންސް މިނިސްޓްރީ / ފޮޓޯ: އަވަސް

މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން އާސަންދައަށާއި ސަބްސިޑީސްތަކަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން ބޮޑުބައި ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އީއްޔެ ނެރެފައިވާ ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ރިކަރެންޓް ޙަރަދު މިދިޔަ އަހަރުގެ މިމުއްދަތައް ވުރެ މިއަހަރު ބޮޑެވެ. އެގޮތުން މިދިޔަ އެޕްރީލް މަހުގެ 27 އާއި ހަމައަށް މިއަހަރު 10.3 ބިލިއަން ރުފިޔާ ރިކަރެންޓް ޙަރަދުގެތެރެއިން ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރު މިމުއްދަތާއި ހަމައަށް ކޮށްފައިވަނީ 8.9 ބިލިއަން ރުފިޔާއެވެ.

ރިކަރެންޓް ޙަރަދުތަކުގެ ތެރޭގައި އާސަންދައާއި ސަރުކާރުގެ ސަބްސިޑީތަކާއި، ކައުންސިލް ގްރާންޓް އަދި އެހެނިހެން ކޮންޓްރިބިއުޝަންތައް ހިމެނެއެވެ. މީގެ ތެރެއިން އާސަންދައަށް މިއަހަރު ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް 847.8 މިލިއަން ރުފިޔާ ވަނީ ބޭނުންކޮށްފައެވެ. ބާކީ އާސަންދަ ބަޖެޓުގައި ހުރީ 197.2 މިލިއަން ރުފިޔާއެވެ. މިއާއެކު އަހަރުގެ ފުރަތަމަ 4 މަސް ދުވަހު މިވަނީ އާސަންދަ ބަޖެޓުގެ 80 އިންސައްތަ ބޭނުންކޮށްފައެވެ.

މިދިޔަ އަހަރުވެސް އާސަންދަ ބަޖެޓު ހުސްވެ ސަރުކާރުން ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައި އާސަންދައަށް ކަނޑައެޅިފައިވާ ބަޖެޓު އިތުރުކޮށްފައެވެ.

ދައުލަތުގެ ސަބްސިޑީސް ބެޖެޓުގައި މިއަހަރަށް ކަނޑައަޅާފައިވަނީ 2.3 ބިލިއަން ރުފިޔާއެވެ. މިއަހަރު މިހާތަނަށް 1.4 ބިލިއަން ރުފިޔާ ސަބްސީޑީއަށް ހޭދަކޮށްފައިވެއެވެ. މިއާއެކު މިއަހަރަށް ކަނޑައަޅާފައިވާ ބެޖެޓުގެ 60 އިންސައްތައަށް ވުރެ ބޮޑުބައި ފުރަތަމަ ހަތަރު މަސް ދުވަހު މިވަނީ ބޭނުންކޮށްފައެވެ. ދިވެހި ސަރުކާރުން ދޭ ސަބްސިޑީތަކުގެ ތެރޭގައި ފިއުލް ސަބްސިޑީ އާއި ނަރުދަމާގެ ހިދުމަތާއި ދަތުރުފަތުރާއި ކެނިމެނޭޖްކުރުމާއި މަސްވެރިންނަށް ދޭ ސަބްސިޑީ ވެސް ހިމެނެ އެވެ.

ވޯލްޑް ބޭންކް އަދި އައިއެމްއެފްއިން ދިވެހި އިޤްތިޞާދާއި ގުޅޭގޮތުން އެންމެ ފަހުން ނެރެފައިވާ ރިޕޯޓުގައިވެސް ޙަރަދުތައް ކުޑަކުރުމަށް ވަނީ ލަފާ ދީފައެވެ. އަދި ސަބްސިޑީސް އެންމެ ބޭނުން ޖެހޭ ފަރާތްތަކަށް ދިނުމަށް ވަނީ ލަފާދީފައެވެ.

މީގެ އިތުރުން ޕީއެސްއަޕީ މަޝްރޫޢުތަކަށް މިއަހަރު 8.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިހާތަނަށް 4 ބިލިއަން ރުފިޔާ ޙަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.