Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އޭޓީއެމްގައި ރާއްޖެ ޕްރޮމޯޓް ކުރަން 90 ކުންފުންޏެއް

އޭޓީއެމް 2023 ގައި ރާއްޖޭގެ ސްޓޭންޑް / ފޮޓޯ: އެމްއެމްޕީއާރްސީ

މިފަހަރުގެ އެރޭބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް 90 ކުންފުންޏަކުން 200 އަށް ވުރެ ގިނަ ފަރާތް ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ، އެމްއެމްޕީއާރްސީން ހާމަކޮށްފިއެވެ.

މި މޭއި މަހުގެ 1 އިން 4 އަށް ކުރިއަށް ގެންދާ މި ފެއާގައި، ރާއްޖޭގެ ފަރާތުން ބައިވެރިވާ ޑެލިގޭޝަނަކީ، އެންމެ ގިނަ ފަރާތްތައް އެއްފަހަރާ ރާއްޖެ ޕްރޮމޯޓް ކުރުމަށް ބައިވެރިވާ ޑެލިގޭޝަން ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މި ފެއާގައި މެދު އިރުމަތީ މާކެޓުގައި ރާއްޖެއަށް މަޤުބޫލުކަން ހޯދައިދީ އަދި މެދު އިރުމަތީ މާކެޓަށް ރާއްޖެ ޕްރޮމޯޓް ކުރުމެވެ.

މިފަހަރު އޭޓީއެމް ފެއަގައި ރާއްޖެއަށް ލިބިފައިވަނީ ބޮޑު ސަރަހައްދެކެވެ. އެގޮތުން 429 އަކަ މީޓަރުގެ ސަރަހައްދެއްގައި ސްޓޯލް ތައްޔާރުކޮށްފައިވާއިރު، ސްޓޭޏްޑް ވަނީ ދެ ބުރިއަށް ނަގާފައެވެ. އަދި ރާއްޖޭގެ ސްޓޭންޑް ޒީނަތްތެރިކޮށްފައިވަނީ ރައްތަކުގު ޤުދުރަތީ ރީތިކަން ސިފަވާގޮތަށް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މިގޮތުން 90 އެގްޒިބިޓަރުން ތިބި އިރު ބައްދަލުވުންތައް ބޭއްވުމަށް 53 މޭޒު ވަނީ ބެހެއްޓިފައެވެ. މިއީ އެކި ވިޔަފާރިތަކުން މަޝްވަރާތަކާއި ބައްދަލުވުންތައް ބާއްވާ ގުޅުން ބަދަހި ކުރުމަށް ލިބިގެން ދާ މުހިންމު ފުރުސަތެއް ކަން އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ.

އޭޓީއެމް 2023 ގައި ރާއްޖޭގެ ސްޓޭންޑް / ފޮޓޯ: އެމްއެމްޕީއާރްސީ

މިފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ގިނަ ސެގްމެންޓުތަކެއް ވަނީ ޕްރޮމޯޓްކޮށްފައެވެ. އެގޮތުން ހަނީމޫން، ލަގްޝަރީ، ފެމިލީ އަދި މައިސް ޓުއަރިޒަމްގެ ހަރަކާތްތަކަށްވެސް ރާއްޖެ އެމްއެމްޕީއާރްސީގެ ފަރާތުން ޕްރޮމޯޓު ކޮށްދީފައިވެއެވެ.

އޭޓީއެމްއާއި ގުޅޭގޮތުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ތޮއްޔިބު ވިދާޅުވީ، މި ފެއަރ އަކީ މެދު އިރުމަތީ މާކެޓުގައި ރާއްޖެއަށް ވަރަށް މުހިންމު ފެއަރ އެއް ކަމަށެވެ. އަދި ދިވެހި ޑެލިގޭޝަނަށް މިފަހަރު ވިޔަފާރިތަކާއި ގުޅުން ބަދަހިކޮށް ރަނގަޅު ފުރުސަތުތަކެއް ފެއަރގެ ތެރެއިން ލިބިގެންދާނެ ކަން ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެރޭބިއަން ޓްރެވެލް މާކެޓަކީ މެދުއިރުމައްޗަށް ހާއްސަކޮށްގެން ބޭއްވޭ މިފަދަ އެންމެ ބޮޑު ފެއައެވެ. މި ފެއާގައި ބާއްވާތާ 30 އަހަރު ވެފައިވާއިރު، މިއީ ރާއްޖެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލް އެވޯޑް 3 ވަނަ ފަހަރަށް ހޯދި ފަހުން ބައިވެރިވާ ފުރަތަމަ އޭޓީއެމް ފެއަރ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.