އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ނުވަތަ އެސްއެމްއީ ބޭންކުގެ އޮންލައިން ޕޯޓަލް އިތުރު ލުއިފަސޭހަތަކާއި އެކު އާންމުންނަށް ހުޅުވާލައިފިއެވެ.
އެސްއެމްއީ ބޭންކުގެ ކަސްޓަމަރ ޕޯޓަލް އަކީ ރާއްޖޭގައި، ވިޔަފާރިތަކަށް މުޅިން އޮންލައިންކޮށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އެއްކޮށް ހުޅުވާލި ފުރަތަމަ ޕޯޓަލް ކަމަށް އެސްޑީއެފްސީން ބުނެއެވެ. މި ޕޯޓަލް 2020 ވަނަ އަހަރު ނޮވެމްބަރު 8 ވަނަ ދުވަހު ލޯންޗު ކުރުމަށް ފަހު، މިދިޔަ މާރިޗު މަހުގެ ނިޔަލަށް ޖުމްލަ 1387 ފަރާތްތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. މި ލޯންތަކުގެ ޖުމްލަ އަގު 1.67 ބިލިއަން ރުފިޔާއަށް އާރާނެއެވެ.
އެސްއެމްއީ ބޭންކުގެ އައު ޕޯޓަލް އަޕްގްރޭޑް ކުރުމާއި އެކު، މިހާރު އެ ބޭންކުން ދޫކުރުމުންދާ ހުރިހާ ލޯންތަކަށް އެދި ހުށަހެޅޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ. އެގޮތުން ރަށުފަތުރު ލޯނާއި، ދަނޑުވެރި ނަފާ ލޯނާއި، ކަނޑުފަޅު ނަފާ ލޯނާއި، ފަށާ ވިޔަފާރި ލޯން، ވިޔަފާރި ތަރައްޤީ އަދި ވިޔަފާރި ހަރުމުދާ ގަތުމަށާއި ވިޔަފާރި އެހީއަށް ދޫކުރާ ލޯނަށް އެދި ހުށަހެޅޭނެއެވެ.
The upgraded SME portal is live now
You can read the FAQs here: https://t.co/O58R5WoO72 pic.twitter.com/HuPWoOtUw9
— SME Development Finance Corporation (@SDFC_mv) May 3, 2023
ކަސްޓަމަރ ޕޯޓަލް އަޕްގްރޭޑްކޮށް ލޯނާއި ގުޅޭ މައުލޫމާތާއި، ލޯނުގެ ސްޓޭޓަސް ބަލާލުމާއި، އަދި ކަސްޓަމަރަށް ބޭނުންވާ ލޯނަކާއި ގުޅޭ ހުރިހާ ލިއުމެއް އެއް ތަނަކުން ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި މީގެ އިތުރުން ލޯނަށް އެދޭ ފަރާތަށް އެންމެ ބޭނުން ތެރި ލޯނަކީ ކޮބާ ކަން ކަނޑައެޅުމަށް ލޯން ޕްރޮޑަކްޓް ވިޒާޑެއް ޕޯޓަލްގައި ހިމަނައި، ބޭނުންވާ މައުލޫމާތެއް ހޯދައިލެވޭ ގޮތަށް ސާޗް ފީޗާއެއް ވެސް ވަނީ އައު ޕޯޓަލްގައި ހިމަނާފައެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ސަރުކާރުން ޤާއިމްކޮށް ހުޅޫވާފައިވަނީ 2019 ވަނަ އަހަރު މާރިޗު މަހުގައެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ ތަރައްޤީ ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުގައި އުފައްދާފައިވާ ކުންފުންޏެކެވެ. ކުންފުނިއަކީ ސަރުކާރުގެ 85 އިންސައްތަ ހިއްސާ އޮންނަ އަދި މާލެ ސިޓީ ކައުންސިލާއި، ފުވައްމުލައް ސިޓީ ކައުންސިލް އަދި އައްޑޫސިޓީ ކައުންސިލުން ކުރެ ކޮންމެ ކައުންސިލަކަށް 5 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.