Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ސިޓީ އެއްވަނަ އަށް، ހާލަންޑަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް 3-0 އިން މެންޗެސްޓާ ސިޓީން ކުރި ހޯދިއިރު އެޓީމުގެ ފޯވާޑް އާލިންގް ހާލަންޑް އިތުރު ރެކޯޑެއް ހަދައިފި އެވެ.

ރޭގެ މެޗުގައި ހާލަންޑް ކާމިޔާބުކުރި ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗުގައި ޖެހި ގޯލާއެކު އޭނާ ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް 35 ގޯލު ކާމިޔާބުކޮށްފަ އެވެ.

މީގެކުރިން މި ރެކޯޑް އޮތީ އެލެން ޝިއެރާ އަދި އެންޑްރޫ ކޯލްގެ އަތުގަ އެވެ. އެ ދެ ކުޅުންތެރިން ވެސް މި ރެކޯޑް ގާއިމުކުރީ 34 ގޯލު ކާމިޔާބުކޮށްގެންނެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މެޗުގެ ފުރަތަމަ ގޯލު ސިޓީ އަށް މެޗުގެ 49 ވަނަ މިނެޓްގައި އަކޭ އެވެ. މެޗުގެ 70 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ހާލަންޑް ކާމިޔާބު ކުރިއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ.

ރޭގެ މޮޅާއެކު ސިޓީ ލީގުގެ އެއްވަނައިގައި އޮތީ 33 މެޗުން ލިބުނު 79 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 34 މެޗުން ލިބުނު 78 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑާ އެވެ.