"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް 2023" ގެ އެވޯޑް 37 ޓީޗަރަކަށް ދީފި އެވެ.
ރޭ އިއްޒުއްދީން ސްކޫލްގައި ބޭއްވި އެވޯޑް ހަފުލާ ޝަރަފުވެރިކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް" އަކީ ސްކޫލް ވެހި ޕްރޮގްރާމްގެ ދަށުން އޯ ލެވެލް އިމްތިޙާނުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައ ދީ އެ ނަތީޖާ ހިފެހެއްޓެވުމަށް ނަމޫނާ މަސައްކަތްކުރާ ޓީޗަރުންގެ އަގުވަޒަންކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ދޭން ފެށި އެވޯޑެކެވެ.
ރޭގެ ހަފުލާގައި ރާއްޖޭގެ 26 ސްކޫލަކުން 37 ޓީޗަރަކަށް އެވޯޑް ދީފައިވެ އެވެ. އެވޯޑް ދިނީ ތިން ކެޓަގަރީއަކުންނެވެ.
އެއީ މުދައްރިސަކު ކިޔަވައިދޭ މާއްދާއިން މެދުނުކެނޑި 15 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓުމުން ދޭ އެލީޓް އެވޯޑާއި ޓީޗަރަކު ކިޔަވައިދޭ މާއްދާއިން މެދުނުކެނޑި 10 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓި ޓީޗަރުންނަށް ދޭ އޯ ލެވެލް އެޗީވްމަންޓް އެވޯޑާއި ޓީޗަރަކު ކިޔަވައިދޭ މާއްދާއިން މެދުނުކެނޑި 5 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 ޕަސެންޓަށްވުރެ މަތީގައި ހިފަހެއްޓި ޓީޗަރުންނަށް ދޭ އޯލެވެލް އެކްސެލެންސް އެވޯޑެވެ.
"ސްކޫލް ވެހި" ޕްރޮގްރާމްގެ ތެރެއިން ބިނާކުރަނިވި އުނގަންނައި ދިނުމުގެ ޙަރަކާތްތައް ތަރައްޤީކުރުމަށާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިހާރު މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 153 ސްކޫލުން ބައިވެރިވެ އެވެ.