ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް އަންނަ މަހުގެ ތެރޭގައި ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި 32 އަހަރުގެ އެކްޓަރު ކައިވެންޏަށް ތައްޔާރު ވަނީ ދާދި ފަހުން ލޯބިވެރިޔާއާ އެންގޭޖް ވެސް ވެފައި ވަނިކޮށެވެ. އެ ނޫހުން ބުނި ގޮތުގައި ކަރަން އާއި ލޯބިވެރިޔާ އެންގޭޖްވީ ކާފަ އަދި މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއި މާމަ ޕްރަކާޝް ކޯރްގެ ކައިވެނީގެ އެނިވާސަރީއާ ދިމާކޮށެވެ.
އެގޮތުން އެންގޭޖްމަންޓް ހަފުލާ ވަރަށް އާދައިގެ ގޮތަކަށް ދެ ފަރާތުގެ އާއިލާގެ މީހުންނާ އެކީ ބޭއްވުމަށް ފަހު، ކައިވެނީގެ ހަފުލާ ވެސް ބާއްވާނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ކަރަންގެ ކައިވެނި އޮންނާނެ ތާރީހަކާއި ލޯބިވެރިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ. މީޑިއާތަކުން ބުނީ ކަރަންގެ ބައިވެރިޔާ އަކީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މީހެއް ކަމަށެވެ.
ކަރަން އެކްޓިން އަށް ނުކުތީ ބައްޕަ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އޭގެ ފަހުން 2021 ގެ "ވޭލޭ" އިން ވެސް ކަރަން ފެނިފައިވެ އެވެ.
ކަރަންގެ އިތުރުން ސަނީ، 66، ގެ ދެން ހުންނަނީ ރަޖްވީރް ޑިއޯލް ކިޔާ ކުއްޖެކެވެ. އުމުރުން މިހާރު 28 އަހަރުގެ ރަޖްވީރު ވެސް އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ.