Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

އާމިރުގެ "ގަޖިނީ" ސީކްއެލްއެއް ހަދައިފާނެ

މިހާރު އެކްޓިން އިން ބްރޭކެއް ނަގައިގެން ހުރި ބޮލީވުޑްގެ ތަރި އާމިރު ޚާންގެ 2008 ގެ ފިލްމު "ގަޖިނީ" ސީކްއެލްއެއް ހަދައިފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމާ އެކީ އިތުރު ދެތިން ޕްރޮޖެކްޓަކަށް އާމިރާއި ޕްރޮޑިއުސަރު އައްލޫ އަރުވިންދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން "ގަޖިނީ" ގެ ދެވަނަ ބަޔަކަށް އާމިރު ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެހެންވެ ދޮޅު އަހަރެއްގެ ބްރޭކެއް ނަގައިގެން ހުރި 58 އަހަރުގެ އެކްޓަރު އެއަށް ވުރެ މާ ކުރިން ފިލްމީ މަަސައްކަތްތަކަށް އެނބުރި އައުމުގެ ފުރުސަތު ވެސް އޮތް ކަމަށް މީޑިއާތަކުން ބުންޏެވެ.

އާމިރު ބްރޭކެއް ނެގީ މިދިޔަ އަހަރު ރިލީޒްކުރި "ލާލް ސިންގް ޗައްޑާ" ބޮޑުތަނުން ނާކާމިޔާބުވުމާ ގުޅިގެން ކަރުބުޑުގައި ލީ ހިތިރަހައާ އެކީގަ އެވެ. އެ ފިލްމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދިން އޭނަގެ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އަކީ ވެސް އާމިރުގެ ކެރިއަރުގެ އެންމެ ފީކަޅާ ފިލްމެވެ.

އޭނަގެ "ގަޖްނީ" އަކީ މަޝްހޫރު ތަމަޅަ ޑައިރެކްޓަރު އޭއާރް މުރްގަދޯސް 2005 ގައު ހަމަ އެ ނަމުގައި ގެނެސްދިން އެކްޝަން ތުރިިލާގެ ރިމޭކެކެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުގައި އާމިރާ އެކީ ބަތަލާއިންގެ ރޯލު ކުޅުނީ އާސިން އާއި 2013 ގައި ދަންޖެހިގެން މަރުވި ޖިއާ ޚާނެވެ. ޖުމްލަ 65 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގަ ބަޖެޓަކުން ހެދި "ގަޖިނީ" އަކީ ބޮކްސް އޮފީހުގައި 232 ކްރޯޑް ރުޕީސް (28.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި އެއްޗެކެވެ.