މާލެއިން މުދާ ހިފައިގެން ވ. އަތޮޅަށް ހަތަރު މީހަކާ އެކީ ފުރި މުދާ އުފުލާ ބޯޓެއް ގެއްލިގެން، ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.
ރޭ މެންދަމުން ފެށިގެން ގެއްލިގެން ހޯދަނީ "އެމް ސަވާރީ" ނަމަކަށް ކިޔާ ބޯޓެކެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުގެ ހަބަރެއް އެންމެ ފަހުންވީ ކ. ގުރައިދޫ އިރުމަތިން 10 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ. އޭގެ ފަހުން ބޯޓްގެ އެއްވެސް ޙަބަރެއް ނުވެ އެވެ. މި ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވައިގެ މަގުންނާއި ކަނޑުމަގުން އަންނަނީ ކުރަމުންނެވެ.

"މ. ސަވާރީ" އަކީ ބޭރުގައި ހުދު ދަވާދު ލާފައިވާ 75 ފޫޓްގެ އުޅަނދެއްކަމަށާއި މި އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީންނާއެކު ޖުމްލަ 4 މީހުން ދަތުރުކުރި ކަމަށްވެސް އެމްްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެ އެވެ.
މިއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރަން އެމްއެންޑީއެފުން އެދިފައިވެ އެވެ.
މި ދުވަސްވަރަކީ ރާއްޖެ އަށް މޫސުން ގޯސް، ކަނޑު ވެސް ގަދަ ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.