މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ބޭފުޅުންތަކެއް ޕާޓީން އިސްތިއުފާ ދިނުމަށް ނިންމައިފިއެވެ.
އެމްއާރްއެމްގެ އިސް ބޭފުޅަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕާޓީން އިސްތިއުފާ ދިނުމަށް ނިންމާފައިވާ ބޭފުޅުންގެ ތެރޭގައި މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް، ރައީސް މައުމޫންގެ ޕާސަނަލް ސެކްރެޓަރީ އަހުމަދު ސޮފްވާން، އަދި އެމްއާރްއެމްގެ ސްލޮޓްގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނެއެވެ.
އިސްތިއުފާ ދެއްވާ ބޭފުޅުންގެ ތެރޭގައި މިނިސްޓަރު ޔުމްނާ މައުމޫން އަދި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ނުހިމެނޭއިރު، އެމްއާރްއެމް ހިނގާގޮތާމެދު އެ ދެ ބޭފުޅުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށް މައުލޫމާތު ދީފައިވެއެވެ.
އިސްތިއުފާ ދެއްވާ ބޭފުޅުން:
1) ޕާޓީގެ ނައިބު ރައީސް / މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމު،
2) އެކްސްކޯ މެންބަރ، މުހައްމަދު ނަދީމް (މިނިސްޓަރ ޔުމްނާގެ ފިރިކަލުން)،
3) އެކްސްކޯ މެންބަރ، އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދު،
4) އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު،
5) އެކްސްކޯ މެންބަރ، އަޙުމަދު ސޮފްވާން (ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓް)،
6) ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރ މުޙައްމަދު ފައިސަލް،
7) އެކްސްކޯ މެންބަރ، އެޗްޑީސީގެ ބޯޑު މެންބަރު އިބްރާހީމް އަފްރާތު،
8) ޕާޓީގެ ތަރުޖަމާނު، ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އިސްމާއީލް ނާއިލް ނަޝީދު،
9) އެކްސްކޯ މެންބަރ، ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ފަސީލް،
10) ޒުވާނުންގެ ކައުންސިލްގެ ރައީސް، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ، ފަރުހާދު އިބްރާހީމް،
11) ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ، އަބްދުލްޙަމީދު އަހުމަދު،
12) އެކްސްކޯ މެންބަރ، ޙަސަން ހައްޔާން އަޙުމަދު
އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއް ޕާޓީން އިސްތިއުފާ ދިނުމަށް ނިންމާފައިވާއިރު، އެ ބޭފުޅުން އިސްތިއުފާ ދެއްވާނީ ހޮނިހިރު ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ބޭފުޅުން އެމްއާރްއެމްއިން އިސްތިއުފާ ދެއްވަނީ އެމްއާރްއެމް މިހާރު ހިންގާ ގޮތާމެދު ހިތްހަމަ ނުޖެހުންތަކެއް ހުރުމުންނެވެ. އެގޮތުން ރޭ ރައީސް މައުމޫން އެމްއާރްއެމްގެ ބައެއް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައިވެސް އެ ނުރުހުން އެބޭފުޅުންވަނީ ފާޅުކުރައްވާފައެވެ.
ރިޔާސި އިންތިހާބު ކައިރިވަމުން އަންނައިރު، އެމްއާރްއެމްއަށް ކޯލިޝަން ހެދުމުގެ ދައުވަތުވަނީ ޖުމްހޫރީ ޕާޓީން އަދި ސަރުކާރު ނިސްބަތްވާ އެމްޑީޕީންވެސް ދީފައެވެ. ސަރުކާރާއެކު އެމްއާރްއެމްއިން މަޝްވަރާތައް ބާއްވާފައިވާއިރު ޖޭޕީއާއެކު މަޝްވަރާތައް އަދި ބާއްވާފައެއްނުވެއެވެ.