މިއަދު ހެނދުނު އައްޑޫ ހައިސްކޫލަށް ދިޔަ ދަރިވަރުންނާއި ސްކޫލުގެ ބައެއް މުވައްޒަފުން ސްކޫލަށް ވަންނަ ގޭޓް ކުރިމަތިން ގެނބި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިކަން ދިމާވެފައިވަނީ މަގު ހެދުމަށް، ހައިސް ސްކޫލާއި ދިމާލުން ކޮނެފައި އޮވެ، މަގު ކޮމްޕެކްޓް ނުކޮށް އޮއްވައި ވިއްސާރަވުމުގެ ސަބަބުންނެވެ. މިގޮތުން ސްކޫލަށް ހެނދުނު ދިޔަ ބައެއް ކުދިންނާއި ޓީޗަރުންވެސް ކަކުލަށް ވުރެ މައްޗަށް ގެނބިކަމަށް މައުލޫމަތު ވަނީ ލިބިފައެވެ.
“ ސްކޫލު ކުރިމަތީ އޮތީ ފެންގަނޑެއް. ވެލި އަޅާލާފައި ހުރުމުން ގަނބާ ނުގަނބާ ތަނެއް ނޭންގޭ. އެއްކުއްޖެއް އުނަގަނޑު ހިސާބަށް ގަނބައިގެން ޓީޗަރުން ދަރިވަރު ނެގީ” މަންޒަރު ދުށް މީހަކު ބުނިއެވެ.

މިގޮތަށް ވުމުން ބައެއް މުވައްޒަފުން މިއަދު ސްކޫލަށް ގަޑިވެސް ޖެހިފައިވާ ކަމަށް ވެއެވެ. އަދި ބައެއް ކުދިންގެ ބޫޓުވެސް ގެނބުމުން ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިގޮތަށް މަގު ހެދުމުގެ މަސައްކަތް ކުރާއިރު ކޯނު ޖަހައި، މަސައްކަތް ކުރާ ސަރަހައްދު ވަކިވާން ޖެހޭ ކަމަށް ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ. އަދި ސްކޫލުތަކުގެ ކުރިމަތި މިގޮތަށް އޮވެ، ދެވޭނެ އެހެން ގޮތެއް ނެތުމުން ކަމާއި ބެހޭ އިދާރާތަކުން ޒިންމާވާން ޖެހޭނެ ކަމަށް ބެލެނިވެރިއަކު އައްޑޫލައިވް އާއި ވާހަކަ ދައްކަމުން ބުނިއެވެ.
އައްޑޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން، ހައި ސްކޫލު މަގު ހެދުމުގެ މަސައްކަތް ކުރަނީ ޖީކޭޑީ ކުންފުނިންނެވެ.