ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރައްވައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއި ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ސަމާލު ނެރެފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން ފުލުހުން ވަނީ އެއްގަމު އުޅަނދު ދުއްވުމުގައިވެސް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި އުޅަނދުގެ ސްޕީޑް ބެހެއްޓުމާއި ވިއްސާރައިގައި ދުއްވާއިރު އުޅަނދުގެ ހެޑްލައިޓް ދިއްލުމަކީ ރައްކާތެރިކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.