Last Updated: May 13, 23:37
Monday, May 13, 2024
ޚަބަރު

ވިއްސާރައާ އެކު ކަރަންޓް ލޯޑު ދަށަށް

ވިއްސާރައާ ގުޅިގެން މާލޭގެ ކަރަންޓު ލޯޑު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވި ގޮތުގައި އިއްޔެގެ މެންދުރުފަހު 15:00އާ ހަމައަށް މުޅި ޖުމްލަ ކަރަންޓު ލޯޑު ހުރީ 93،026 މެގަވޮޓުގަ އެވެ. އެންމެ ބޮޑަށް ކަރަންޓު ލޯޑު ހުރީ މާލޭގަ އެވެ. އެއީ 66،051 މެގަވޮޓަށްވުރެ މަތީގަ އެވެ. ހުޅުމާލޭގައި ހުރީ 23،458 މެގަވޮޓުގަ އެވެ.

ނަމަވެސް މިއަދުގެ މެންދުރުފަހު 15:00އާ ހަމައަށް އެ އަދަދު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސް ފައެވެ. މިއަދުގެ އެހާއިރު ޖުމްލަ ކަރަންޓު ލޯޑު ހުރީ 74،727 މެގަވޮޓުގަ އެވެ. މާލޭގެ ކަރަންޓު ލޯޑުހުރީ 53،343 މެގަވޮޓަށްވުރެ މަތީގަ އެވެ. ހުޅުމާލޭގައި ހުރީ 18،843 މެގަވޮޓުގަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ފެބްރުވަރީ، މާރިޗު، އޭޕްރިލް އަދި މެއި މި ހަތަރު މަހަކީ ރާއްޖެ އަށް ހޫނުގަދަ ދުވަސްތަކެއް ކަމަށްވުމާއެކު، މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެ އެވެ. މި ދުވަސްވަރު ކަރަންޓު ޚަރަދު ކުޑަކުރުމަށް އިތުރަށް ސަމާލުކަން ދިނުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.