Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ބަގިޔާޝްރީގެ އަންހެން ދަރިފުޅަށް ފިލްމެއް

ސަލްމާން ޚާނާ އެކީ "މޭނޭ ޕިޔާރު ކިޔާ" ކުޅެގެން މަޝްހޫރުވި ބަތަލާ ބަގިޔާޝްރީގެ އަންހެން ދަރިފުޅު އަވަންތިކާ ދައްސާނީ ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މިދިޔަ އަހަރު ޒީ5 އިން ގެނެސްދިން ވެބް ސީރީޒް "މިތިޔާ" ގެ ރޯލެއް ކުޅުނު އަވަންތިކާގެ ފުރަތަމަ ފީޗާ ފިލްމަކީ "ޔޫ ޝޭޕް ކީ ގަލީ" އެވެ. މިއަށް އޮޑިޝަން ހަދައިގެން އޭގެ ލީޑް ބަތަލާގެ ރޯލު އޭނަ ކަށަވަރުކުރ އިރު، ފިލްމުގެ ޝޫޓިން މި ހަފުތާގައި ލަކްނޫގައި ފަށާނެ އެވެ.

އަވިނާޝް ދާސް ޑައިރެކްޓްކުރާ ފިލްމުގެ ބަތަލަކީ މަޝްހޫރު އެކްޓަރު ނަސީރުއްދީން ޝާހްގެ ދަރިފުޅު ވިވާން ޝާހެވެ. އޭނަ ކުރިން ވެސް ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާންގެ "ހެޕީ ނިއު އިޔާ" އާއި ޕްރިޔަންކާ ޗޯޕްޅާގެ "ސާތު ހޫ މާފު" އަދި ރަންބީރް ކަޕޫރްގެ "ބޮމްބޭ ވެލްވެޓް" ހިމެނެ އެވެ.

އަވަންތިކާ އާއި ވިވާންއާ އެކީ "ޔޫ ޝޭޕް ކީ ގަލީ" ގެ ކާސްޓްގައި ޖާވިދު ޖެފްރީ ވެސް ހިމެނެ އެވެ. މީގެ ޑައިރެކްޓަރު އަވިނާޝް ކުރިން ޑައިރެކްޓްކުރި ފިލްމަކީ "އަނާރްކަލީ އޮފް އާރާހް" އެވެ. އަދި ނެޓްފްލިކްސްގެ ސީރީޒް "ޝީ" އަކީ ވެސް އޭނަ ޑައިރެކްޓްކުރި އެއްޗެކެވެ.

ބަގިޔާޝްރީ، 54، ގެ އަންހެން ދަރިފުޅު އަވަންތިކާ، 28، ބޮލީވުޑްގެ ފިލްމަކަށް ސޮއިކުރި އިރު، އޭނަގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ، 33، ބޮލީވުޑަށް ނުކުތީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިންނެވެ. އޭގެ ފަހުން އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "މީނާކްޝީ ސުންދޭޝްވަރީ" އާއި "ނިކައްމާ" ހިމެނެ އެވެ.

މިދިޔަ މަހު ރިލީޒްކުރި ސަލްމާންގެ "ކިސީ ކާ ބާއީ ކިސީ ޖާން" ގެ އިން ބަގިޔާޝްރީ އާއި އަބިމަންޔޫ ވެސް ފެނިފައިވެ އެވެ.