މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓިގެ ދަރިވަރުންނަށް ޙާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ،
ކެއާ ސޮސައިޓީ އާއި ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން މިއަދު އެއާޕޯޓުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާޙިމް ތޯހާ އަދި ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އަހްމަދު އާތިފް އެވެ.
މިއަދު އިފްތިތާހް ކުރެވުނު އިންޓަންޝިޕް ޕްރޮގްރާމުގެ ދަށުން ކެއަރ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ދީފަ އެވެ. މިފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކުދިންނަކީވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އިންޓާންޝިޕްގެ އިތުރުން މިއަދު ވެވުނު އެއްބަސްވުމުގައި ކެއަރ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސަރކޮށް ދިނުމަށް އެމްއޭސީއެލްއިން ވަނީ އެއްބަސްވެފަ އެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކެއަރ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.
މިއަދުގެ މިރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާ ވިދާޅުވީ މިއަދު މިވެވުނު އެއްބަސްވުމަކީ، އެމްއޭސީއެލް ގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމަޢުގައި ތިބި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތައް ރާވާފައިވާނީ ދެމެހެއްޓެނިވި ތަރައްޤީއާއި، މުޖުތަމައުގައި އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުންވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ތައުލީމާއި، ތިމާވެށީގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްކަމަށް ތޯޙާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން ހާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި އެމްއޭސީއެލްއާއި އެކު މިއަދު ފެށުނު މަސައްކަތަކީ މިކަމުގެ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތައް މިކަމުގައި އެއްބާރުލުންދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.