ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން އެކްސްޕީރިއަންސް މޯލްޑިވްސް ޑެސްޓިނޭޝަން ކެމްޕެއިން ލޯންޗްކޮށްފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި ހިންގާ މި ކެމްޕެއިން ލޯންޗްކޮށްދިނީ އެކަމަށްޓަކައި ކުރުނބާ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.
މި ކެމްޕެއިނުގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް ރާއްޖޭގައި ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގެ އިތުރުންވެސް އެކިއެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓް ލިބޭނެ އެވެ.
އެގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް 10-25 ޕަސެންޓާއި ހަމައަށް ސްޕާ/އެކްޓިވިޓީ ޑިސްކައުންޓް ލިބޭއިރު އެއްވެސް ހަރަދަކާ ނުލައި ހުރުމުގެ ފުރުސަތާއި ރެސްޓޯރެންޓްތަކުން ބޮޑެތި ޑިސްކައުންޓްގެ އިތުރުން މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ހިލޭ ޑޭޓާ ފަދަ ގިނަ ފުރުސަތުތައް އެމެކްސް ކާޑު މެމްބަރުންނަށް ލިބޭނެ އެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން މިއަހަރަށް ކަނޑައަޅާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އެމެރިކަން އެކްސްޕްރެސްއާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެމެރިކަން އެކްސްޕްރެސް ކާޑު މެމްބަރުންނަށް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަކީ ވެސް ލިބޭ އުފަލެއް ކަމަށް ވިދާޅުވި އެވެ.
މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ދިގުދެމިގެންދާ ކެމްޕޭނެއް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.