Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ދެ އެޕާޓްމަންޓް އެއްކޮށްލުމުން ދެ ލައްކަ އިން ޖޫރިމަނާ

ހިޔާ ފްލެޓް ސަރަހައްދު / ފޮޓޯ: އައްޑޫލައިވް

ހިޔާގެ 2 ފްލެޓެއްގެ މެދު ފާރު ތަޅާލާ 4 ކޮޓަރީގެ އެޕާޓްމެންޓަކަށް ހަދައިގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން އާބަންކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، ހިޔާ ޓަވަރުތަކުގެ ތެރެއިން 2 ފްލެޓެއްގެ އެއްކޮށްގެން އުޅޭ މައްސަލައެއް ކުންފުންޏަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެއީ ކޮން ފްލެޓްތަކެއްކަން ދެނެގަނެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. މި ދެ ފްލެޓުގެ ވެރި ފަރާތުން ވަނީ އިންޓީރިއަރ މަސައްކަތް ކުރިއިރު، ދެ ފްލެޓުގެ މެދު ފާރު ތަޅާލާ، 4 ކޮޓަރީގެ އެއް އެޕާޓްމެންޓަށް ހަދާފައެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ފްލެޓް އިމާރާތާއި ފްލެޓުގެ ކުޑަ ބޮޑުމިނަށް ބަދަލުގެނައުމަކީ މަނާ ކަމެކެވެ. އަދި މިގޮތަށް ގެނެވޭ ބަދަލެއްގެ ސަބަބުން އިމާރާތުގެ ސްޓްރަކްޗަރަލް އިިންޓެގްރިޓީއަށް އަސަރުކޮށްފާނެ ކަމަށް މީގެ ކުރީން އާބަންކޯއިން ވަނީ ބުނެފައެވެ.

މިމައްސަލާގައި އެ ދެފްލެޓުގެ ވެރިފަރާތްވަނީ ޖޫރިމަނާކޮށްފައެވެ. ޖޫރިމަނާކޮށްފައިވަނީ ކޮންމެ ފްލެޓްވެރިއެއް 100،000 ރުފިޔާއިންނެވެ. އަދި މި ފައިސާ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭ ދެއްކުމަށް ވަނީ އަންގާފައި ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި ކުރިއަށް 10 ދުވަސް ތެރޭ ކުރިން ހުރި ގޮތަށް ބަދަލުކުރުމަށް އެކުންފުނިން ވަނީ ފްލެޓްތަކަށް އަންގާފައި ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ ކުރިންވެސް ހިޔާ ފްލެޓްތަކުގެ އިންޓީރިއަރ މަސައްކަތް ކުރިއިރު، ޤަވާއިދާއި ޙިލާފަށް މަސައްކަތް ކޮށްގެން އެކަން ބަލައި އާބަންކޯއިން ވަނީ ފިޔަވަޅު އަޅާފައެވެ.