އުދިނޭސީއާ 1-1 އިން އެއްވަރުކޮށް ނަޕޯލީން 33 އަހަރަށް ފަހު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ރޭ ކަށަވަރުކޮށްފި އެވެ.
ނަޕޯލީ އަށް އެންމެ ފަހުން ލީގު ކާމިޔާބުކުރެވުނީ އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މަރަޑޯނާގެ މޮޅު ކުޅުމާ އެކު 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ ދެ ތިން ސީޒަނެއްގައި ލީގަށް ވާދަކުރި ނަމަވެސް ނަޕޯލީ އަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ފަސް މެޗު ބާކީ އޮއްވާ ނަޕޯލީން ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު އެޓީމަށް ވަނީ 33 މެޗުން 80 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި 33 މެޗުން 64 ޕޮއިންޓް ހޯދައިގެން އޮތީ ލާޒިޔޯ އެވެ. ތިންވަނައިގައި 33 މެޗުން ލިބުނު 63 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.
Naples right now! 💙🏆💥
🎥 via @OfficinaDiMarK pic.twitter.com/yI272LERvI
— Ben Jacobs (@JacobsBen) May 4, 2023
ރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ ފުރުސަތު ނަޕޯލީ އަށް އޮތްއިރު މެޗުގެ 13 ވަނަ މިނެޓްގައި ލޮވްރިޗް ވަނީ އުދިނޭސީ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 52 ވަނަ މިނެޓްގައި ނަޕޯލީގެ ނައިޖީރިއާ ފޯވާޑް، ވިކްޓަ އޮސިމެން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލަށްފަހު މެޗުން މޮޅުވާން ވެސް ނަޕޯލީ އަށް ފުރުސަތުތަކެއް ލިބިފައިވެ އެވެ.
ރޭގެ މެޗު ނިމުމާއެކު މެޗު ބެލުމަށް އުދިނޭސީގެ ދަނޑަށް ގޮސް ތިބި ނަޕޯލީގެ 10،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ކުޅުންތެރިންނާއެކު ތާރީހީ ކާމިޔާބީ ފާހަގަކޮށްފަ އެވެ.
މިއީ ނަޕޯލީގެ ތާރީހުގައި އެޓީމުން އިޓާލިއަން ލީގު ހޯދި ތިންވަނަ ފަހަރެވެ.