އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ބްރައިޓަން އިން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
މި މެޗުން ބަލިވި ނަމަވެސް 33 މެޗުން ލިބުނު 63 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ ހަތަރުވަނައިގަ އެވެ. ލީގުގެ ފަސްވަނައިގައި 34 މެޗުން 59 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު ހަވަނައިގައި 32 މެޗުން 55 ޕޮއިންޓް ހޯދައިގެން އޮތީ ބްރައިޓަން އެވެ.
ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން އެންޓޮނީ ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު މާކަސް ރަޝްފޯޑް އަދި އެންތޮނީ މާޝިއަލް ފޮނުވާލި ހަމަލާތައް ދިފާއުކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރައިޓަންގެ ތަޖުރިބާކާރު ގޯލްކީޕަރު ޖޭސަން ސްޓީލް އެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ބްރައިޓަން އިން ދިޔައީ ކައިރިކައިރީގައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ބްރައިޓަން ކުޅުންތެރިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ އަދި ޑިފެންޑަރުންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބްރައިޓަން އިން ކާމިޔާބު ކުރީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުންނެވެ. ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ ބްރައިޓަން އަށް ތިން ޕޮއިންޓް މި މެޗުން ހޯދައިދިނީ އެލެކްސިސް މެކަލިސްޓާ އެވެ.
މި މޮޅާއެކު އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް ކޮލިފައިވުމަށް ބްރައިޓަން އިން ކުރަމުން އަންނަ އުއްމީދުތައް ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ.