Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

"އެކްސްޕީރިއަންސް މޯލްޑިވްސް" އަކީ އިތުރު ޕްރޮމޯޝަނެއް

"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓްވާން މަގުފަހިވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން، ކުރިއަށް ގެންދާ ތިން ވަނަ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ރޭ އެ މަނިކުފާނު ވިދާޅުވީ ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި އިގުތިސާދު ބާރަށް ކުރިޔަށް ދިއުމަށް މަގުފަހިގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި، ފައިސަލް ވަނީ ރާއްޖެ އަކީ ޓޫރިޒަމްގައި ދުނިޔޭގައި ނަން މަޝްހޫރު އަދި ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރައްވައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖެއިން އަދާކުރާ ފުރިހަމަ މެހުމާންދާރީކަން ފާހަގަކުރައްވައިފަ އެވެ. އަދި ރާއްޖެ އަކީ ޓޫރިސްޓުންގެ މެދުގައި އެންމެ މަޤްބޫލު އެއް މަންޒިލަކަށް ވެގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ޓޫރިސްޓުންނާ މެދު ބަހައްޓާ ގާތް ރަޙްމަތްތެރިކަމާ އަދާކުރާ މެހުމާންދާރީކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންވެ، "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިންގެ ސަބަބުން އަދި މިހާރަށް ވުރެ އިތުރު މީހުންނަށް ވެސް ރާއްޖެ ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ކެމްޕެއިނަކީ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއްގެ އިތުރުން ދުނިޔޭގެ އެތައްހާސް ބައެއްގެ ސަމާލުކަމަށް ރާއްޖެއަށް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރެވޭ މި އީޖާދީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް، އެކި ގިންތިތަކަށް ވާޞިލުވެ، ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދެވޭނެކަން ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 100 މިލިއަން މީހުންނާ ހަމައަށް ވާޞިލުވުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ ކެންޕެއިން، އެދެވޭ މިންވަރެއްގެ ގިނަ ބަޔަކާއި ހަމައަށް ވާޞިލުވާނެކަން ވެސް ފާހަގަކުރެއްވިއެވެ.

އެގޮތުން ރިޒޯޓްތަކާއި ގެސްޓްހައުސްތަކާއި އަދި ގެސްޓްހޮޓާ ފަދަ ތަންތަން ހިމެނޭ ގޮތަށް، މި އަހަރު މި ކެމްޕެއިނުގައި ބައިވެރިވާ 40 ވިޔަފާރިއަކަށް މި ކެމްޕެއިނާ އެކު މުހިއްމު ފުރުސަތުތަކެއް ވެސް ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.