Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

އަނުޝްކާ މި އަހަރުގެ ކާންސް އަށް

މި އަހަރުފެ ކާންސް ފިލްމު ފެސްޓިވަލްގައި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފަހަރުގެ މި ފެސްޓިވަލަކީ ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ކާންސްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. އެގޮތުން މި ފަހަރުގެ ފެސްޓިވަލްގެ ތެރޭގައި ސިނަމާގައި އަންހެނުންގެ ނުފޫޒު އޮތް މިންވަރު ފާހަގަކޮށް އެފަދަ ފަންނާނުންގެ އަގުވަޒަން ކުރާނެ އެވެ.

އެގޮތުން އެކަމށް ހާއްސަކުރާ ސެޝަންގައި މަޝްހޫރު ފިލްމު "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓް ވެސް ބައިވެރިވާނެ އެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑެތި އަދި އެންމެ ފާހަގަކޮށްލެވޭ ފިލްމު ފެސްޓިވަލްތަކުގެ ތެރޭގައި ހިމެނޭ ކާންސްގެ މި ފަހަރުގެ އިވެންޓް ކުރިއަށް ދާނީ މި މަހުގެ 16-27 އަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމީ ދާއިރާގެ މީހުން ބައިވެރިވާ ފެސްޓިވަލަކީ ފްރާންސްގެ ކާންސްގައި ބާއްވާ ވަރަށް ކުލަގަދަ އިވެންޓެކެވެ.

މި ފަހަރުގެ ފެސްޓިވަލްގައި އަނުޝްކާ ބައިވެރިވާ އިރު، މީގެ ކުރިން ވެސް އިންޑިއާގެ އެތައް ތަރިންނެއް ފެސްޓިވަލްގައި ބައިވެރިވެފައިވެ އެވެ. އަދި ކާންސްގައި އިންޑިއާގެ އެންމެ އާންމު މޫނަކީ އައިޝްވާރިއާ ރާއީ އެވެ.