Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

އަކްޝޭ އާއި ޓައިގާގެ ފިލްމު އަވަސްކޮށްފި

ކުރިން އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގެނެސްދޭ ގޮތަށް އޮތް އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ރިލީޒްކުރުން އަވަސްކޮށްފި އެވެ.

ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓަށް، އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި އެކްޝަން ކޮމެޑީ މިހާރު ތާވަލުކުރީ އަންނަ އަހަރުގެ ފިތުރު އީދަށެވެ. އަންނަ އަހަރުގެ ފިތުރު އީދު ދިމާވާނީ އެޕްރީލް މަހުގެ ކުރީކޮޅާ އެވެ.

"ބަޅޭ މިޔާ ޗޯޓޭ މިޔާ" އަންނަ އަހަރުގެ ފިތުރުގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމި އިރު، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސަލްމާން ޚާން ކުޅޭ ފިލްމެއް ފިތުރު އީދުގައި ގެނެސްދޭން އަމާޒު ހިފާފައިވެ އެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރީ ސަލްމާންގެ "ކިސީ ކާ ބާއީ ކިސީ ކާ ޖާން" އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަކްޝޭ އާއި ޓައިގާގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޝޫޓިން މި އަހަރުގެ ޖެނުއަރީން ފެށިގެން ކުރިއަށްދާ އިރު، މީގެ ބަތަލާއިންނަކީ އަލާޔާ ފަރްނީޗަރްވާލާ އާއި މަނޫޝީ ޗިލާރްގެ އިތުރުން ސޮނާކްޝީ ސިންހާ އެވެ. އަދި ފިލްމުގެ މައި ވިލަން އަކީ މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން އެވެ.

"ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޑައިރެކްޓަރު އަލީ ކުރިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ސަލްމާން ކުޅުނު "ބާރަތު" އާއި "ޓައިގާ ޒިންދާ ހޭ" ގެ އިތުރުން "ސުލްތާން" ހިމެނެ އެވެ. އޭނަ ދެން އެންމެ އަވަހަށް ގެނެސްދޭނީ ޝާހިދު ކަޕޫރާ އެކީ ހަދާފައިވާ "ބްލަޑީ ޑެޑީ" އެވެ. އެ ފިލްމު އަންނަ މަހުގެ 9 ގައި ޖިއޯ ސިނެމާ އިން ޕްރީމިއާކުރާނެ އެވެ.