އައްޑޫސިޓީ ފޭދޫ އަކީ ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ ގޭގެއަށް ފެން ވަދެ، ހިފާ ގެންގުޅޭ ސާމާނު އަހަރަކު އެއްފަހަރު ބަދަލުކުރަން ޖެހޭ ހިސާބަތް ފެންބޮޑުވާ ރަށެކެވެ. ވިއްސާރަ މޫސުމެއްގައި މިފަދަ ކަންކަން މެދުވެރި ނުވާ އަހަރެއް ދުވަސްވަރެއް ނާދެއެވެ. މިމައްސަލައަށް ހައްލު ހޯދުމަށް، ފޭދޫ ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން ސްޓޯމް ވޯޓާ ޑްރެއިން ސިސްޓަމެއް ނުވަތަ ފެން ހިންދާ ނިޒާމެއް ރަށުގައި ޤާއިމް ކުރިއެވެ.
މަސައްކަތް ނިންމާ ކޮމިޝަން ކުރަން 2 އަހަރު ނެގި
މިއީ 2018 ވަނަ އަހަރު ޖުލައި މަހު އޭރުގެ ސަރުކާރުން ފެށި މަޝްރޫޢުއެކެވެ. ނަމަވެސް މި ސަރުކާރާއި ހަވާލުވިފަހުން މަޝްރޫޢުގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސް މި ސަރުކާރަށް މަސައްކަތް ނިންމާލެވުނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މި ނިޒާމު ފަރުމާކޮށްފައިވަނީ ވޯޓަރ ސޮލިއުޝަންސް ޕްރެވެޓް ލިމިޓެޑްއިންނެވެ. އަދި ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެނޮކް ކޮމްބައިން ޕްރެވެޓް ލިމިޓެޑް އިންނެވެ.

އޭރު އެންވައިރޮމެންޓް މިނިސްޓްރީން ވިދާޅުވީ، މަސައްކަތުގެ ޑިޒައިން ފުރަތަމަ ނިމުނުއިރު ފެންބޮޑުވާ ހުރިހާ ސަރަހައްދެއް ކަވަރ ނުކުރާ ކަމަށެވެ. ނަމަވެސް ފަހުން ގެނެވުނު ބަދަލާއެކު ފެންބޮޑުވާ ހުރިހާ ސަރަހައްދެއް ކަވަރުކޮށް، މަސައްކަތް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން މަސައްކަތް ނިންމުމަށް ގިނަ ދުވަސް ނެގި އެއް ސަބަބަކީ ކޯވިޑުގެ ސަބަބުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނިޒާމު މަސައްކަތް ކުރާ ގޮތާއި ގުޅޭގޮތުން އޭރު އައްޑޫގެ މޭޔަރ އަދި މިހާރު ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ، މި ނިޒާމުގެ ތެރެއިން ވެހޭ ހުރިހާ ފެނެއް ބޭރުކުރުމުގެ ބަދަލުގައި، ފެންބޮޑުވާ ހިސާބަށް ދާ ފެންގަނޑު ބޭރުކުރެވޭ ގޮތަށް ނިޒާމު ފަރުމާ ކުރެވިފައިވާކަމަށެވެ. އަދި މިއީ ފޭދޫއަށް ވިއްސާރައިގެ ސަބަބުން މިހާތަނަށް ލިބެމުން އައި ގެއްލުން ކުޑަ ކުރެވޭނެ ނިޒާމަކަށް ވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

އޭގެ 3 މަސް ދުވަސް ފަހުން ނިޒާމު ޓެސްޓުކޮށް އެންވައިރޮމެންޓް މިނިސްޓްރީން ކޮމިޝަންކޮށް، އައްޑޫސިޓީ ކައުންސިލާއި 2021 ވަނަ އަހަރު މާރިޗު 29 ވަނަ ދުވަހު ހަޥާލުކުރިއެވެ. އެދުވަހު ފޭދޫ ރައްޔިޔުތުން ތިބީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބުނު ކަމުގެ އުއްމީދުގައެވެ.
ޕަމްޕްތައް މަސައްކަތް ކުރި ނަމަވެސް ބޮޑު ގެއްލުމެއް
މެޓް އޮފީހުން ހާމަކުރި ގޮތުގައި ބުރާސްފަތި ދުވަހު ސ.ގަމަށް 154 މިލިމީޓަރަށް ވާރޭ ވަނީ ވެހިފައެވެ. މިއީ ރެކޯޑު މިންވަރެކެވެ. ނުހުއްޓި 12 ގަޑިއިރު ވަންދެން އައްޑޫގެ އަވަށްތަކަށް ވާރޭ ވެހެމުން ދިޔައެވެ. އެދުވަހު ވިއްސާރައިގައި ފޭދޫގެ 116 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 54 ގެއަކަށް ބޮޑުވަރު ވެފައިވާއިރު، އެއް ގެއިން ދިރިއުޅެވޭ ހާލަތަށް ވުރެ ދަށް ވުމުން މީހުން އެހެން ގެއަކަށް ބަދަލުވެސް ވިއެވެ.
މީގެ ކުރިން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ 2020 ވަނަ އަހަރު ފެން ހިންދާ ނިޒާމު އަދި އެއްކޮށް ޤާއިމް ނުކުރެވި ވަނިކޮށެވެ. އޭރު ފޭދޫ 544 ގެއަކަށް ފެން ވަދެ، ގިނަ ބަޔަކު ހާލުގައި ޖެހުނެވެ. އެފަހަރުވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ.
އެވަރުގެ ގެއްލުމެއް މިފަހަރު ނުވި ކަމުގައިވިއަސް 100 އަށް ވުރެ ގިނަ ގޭގެއަށް ފެން ވަދެ، 50 އަށް ވުރެ ގިނަ ގޭގެއަށް ބޮޑުވަރު ވުމަކީ ރަނގަޅު ފެންވަރެއްގެ ފެން ހިންދާ ނިޒާމެއް ޤާއިމް ކުރެވިފައިވާ ރަށެއްގައި އެހާ ރަނގަޅު އަދަދުތަކެއް ނޫނެވެ. ސުވާލަކީ ވިއްސާރަވީއިރު ޕަމްޕްތައް މަސައްކަތް ކުރޭތޯ އަދި ނިޒާމަށް ނުކަތާ ވަރުވީ ތޯއެވެ.

މިކަމާއި ގުޅޭގޮތުން އައްޑޫގެ ޑެޕިއުޓީ މެޔަރ މުހައްމަދު ޝުއާއު ސުވާލު ކުރުމުން ވިދާޅުވީ، ޕަމްޕްތައް މަސައްކަތް ކުރި ނަމަވެސް ބޯކޮށް ވާރޭ ވެހުމުން ފެން ގަނޑު ހިންދާ ނުލެވި، ފެން ބޮޑުވީ ކަމަށެވެ. މިމައްސަލާގައި ފޭދޫ މާދެލެ ދައިރާގެ ކައުންސިލް މެންބަރު މުހައްމަދު ފައިސަލް ވިދާޅުވީ، ޕަމްޕުތައް ޖެއްސި ނަމަވެސް ވާރޭ ބޯކޮށް ވެހިއްޖެ ނަމަ ފެން ބޮޑުވާ ކަމަށެވެ.
" ގާންގަނޑަކަށް 7-6 ގަޑިއިރު ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވޭ. އަނެއް މައްސަލައަކީ ފެން ހިންދާ ނިޒާމު މުޅި ރަށް ކަވަރު ނުކުރާ ކަން. " ފައިސަލް ވިދާޅުވިއެވެ.
ފައިސަލްވެސް ވަނީ މިހާރު އޮތް ނިޒާމު އަޕްގްރޭޑް ކުރަން ޖެހިފައިވާކަން ފާހަގަކޮށްފައެވެ.
ނިޒާމު ކޮމިޝަން ކުރިތާ ދެ އަހަރު ދުވަހުން ނިޒާމު އަޕްގްރޭޑް ކުރަން ޖެހުމަކީ، ވަރަށް ބޮޑު މައްސަލައެކެވެ. މިއީ މިފަދަ ނިޒާމުތައް ޑިިޒައިން ކުރެވޭ އިރު ބެލިފައި ހުންނަން ޖެހޭނެ ކަންކަމެވެ. ޤުދުރަތީ ގޮތުން ކުރިމަތިވާ ކަންކަން ނުހުއްޓުވޭނެއެވެ. ނަމަވެސް އެކަމަށް އަޅާ ފިޔަވަޅަކީ އެންމެ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް ކުރިއަށްވެސް ވިސްނައިގެން އަޅާ ފިޔަވަޅަކަށް ވާން ޖެހެއެވެ. މުޅި ޖުމްލަ 23 މިލިއަން ރުފިޔާ ސަރުކާރުން ޙަރަދު ކުރި މަޝްރޫޢު މި ޖެހުނީ އަނެއްކާވެސް އަޕްގްރޭޑް ކުރަން ބޮޑު ޙަރަދެއް ކުރާށެވެ.