ފާއިތުވި 24 ގަޑިއިރު އައްޑޫއަށް ކުރި ވިއްސާރާގައި އައްޑޫގެ 152 ގެއަކަށް ފެން ވަދެ، 60 އަށް ވުރެ ގިނަ ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ފޭދޫގެ ގެތަކަށެވެ. އެގޮތުން ފޭދޫގެ 116 ގެއަކަށް ފެންވަދެފައިވާއިރު އޭގެ ތެރެއިން 54 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ހިތަދޫގެ 24 ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި 7 ގެއަކަށް ބޮޑުވަރު ވެފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. ވަކިން އޮންނަ މީދޫ 3 ގެއަކަށް އަދި ހުޅުދޫ 9 ގެއަކަށްވެސް ފެން ވަދެގެން ވަނީ ރިޕޯޓްކޮށްފައެވެ.
ފެން ވަދެގެން ގެއްލުން ލިބިފައިވާ ގޭގެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ. އަދި ބައެއް ގޭގެ ކޮޓަރިތަކަށާއި ސިޓިން ރޫމަށް ފެން ވަދެ ފަރުނީޗަރަށް ގެއްލުންވެފައި ވާއިރު، ގޭގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިގެން ފޭދޫގެ ގެއަކުން މީހުން ބަދަލުވެފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
މި ވިއްސާރާގައި ވައި ގަދަވެ، ބައެއް ގޭގެ ގޯތި ތެރޭގައި ހުރި ގަސްތައް ވެއްޓިފައިވާއިރު އަވަށު އޮފީސްތަކުންނާއި އެމްއެންޑީއެފް ސަދަން އޭރިއާއިން ވަނީ ފެން ހިއްކުމުގައި އެހީތެރިވެދީފައެވެ. އަދި ކައުންސިލުން ވަނީ ފެން ހިއްކުމުގެ އިތުރުން ގޭގެ ދޮރުމަތީ ވެލި ބަސްތާ ޖެހުމުގައިވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަ ކުރުމަށް ފަރުދީ ފެންވަރުގައި އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ފާއިތު ދެ ދެދުވަހު އައްޑޫއަށް ވަނީ ވައިގަދަވެސް މެދު ނުކެނޑި ވިއްސާރަކޮށްފައެވެ. އެގޮތުން މިއަދު ހެނދުނު މޫސުމާއި ބެހޭ ޤައުމީ އިދާރާގައިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ސ. ގަމަށެވެ. އެގޮތުން 120 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.