Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ފޭދޫގައި 6 އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ

ފޭދޫ ފަތާ ޓްރެކް ސަރަހައްދު / ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީ ފޭދޫއިން 6 އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

އެކުއްޖާ މޫދުުން ނަގައިގެން ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްޙި މަރުކަޒަށެވެ. އަދި އެތަނުން ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ. އޭއީއެޗްއިން އައްޑޫލައިވްއަށް މައުލޫމާތު ދެމުން ބުނީ ކުއްޖާ ހޮސްޕިޓަލަށް ގެނައީ 6:30 އެހައިކަށްހާއިރު ކަމަށާއި، އޭރުވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި ކުއްޖާ ފަރުވާ ދިނުމަށް މަސައްކަތް ކުރުމަށް ފަހު ކުއްޖާ މަރު ޑިކްލެއަރ ކުރި ކަމަށް އޭއީއެޗްއިން ބުނެއެވެ.

މިއަދު އިރު އޮއްސުނު ވަގުތު ހިނގި މި ހާދިސާގައި މަރުވެފައިވާ ކުއްޖާ ފެނިވަނީ ފޭދޫ ޓްރެކް ސަރަހައްދުން މޫދުން ކަމަށް ފުލުހުން ބުނެއެވެ. އެކުއްޖާއަކީ އާއިލާއިއެކު އެ ސަރަހައްދުގައި ހުރި ރެސްޓޯރެންޓަކަށް ދިޔަ ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ. އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިވަނީ އެ ސަރަހައްދުގެ މޫދުން ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 17:50 ގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާއާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މިއީ ވިއްސާރަ ދުވަސްވަރަކަށް ވެފައި ކަނޑުވެސް ގަދަ ދުވަސް ވަރަކަށް ވުމުން މޫދަށް އެރި އުޅޭ ފަރާތްތަކާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރުމުންނެވެ.