އަކްޝޭ ކުމާރުގެެ ފިލްމަކަށް މިދިޔަ މަހު ބޭއްވި މިސް އިންޑިއާ މުބާރާތް ކާމިޔާބުކުރި ރީތީގެ ރާނީ ނަންދިނީ ގުޕްތާ ގެންނަން އެ ފިލްމުގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
ޕިންކްވިލާ އިން ބުނީ މި ފިލްމަކީ ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާގެ "ވެލްކަމް" ފްރެންޗައިޒްގެ ތިން ވަނަ ބައި ކަމަށެވެ. އެގޮތުން އެ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، "ވެލްކަމް 3" ގެ އެއް ބަތަލާއަކަށް ނަންދިނީ ގެންނަން އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ނޫހުން ބުންޏެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ފީރީޒް ރަސްމީކޮށް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ. ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ވެލްކަމް" 2007 ގައި ގެނެސްދިނުމަށް ފަހު "ވެލްކަމް ބެކް" ގެނެސްދިނީ 2015 ގަ އެވެ. މި ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ އަނީސް ބަޒްމީ އެވެ.
އަކްޝޭއާ އެކީ ބަތަލާގެ ރޯލު ކުޅެން "ވެލްކަމް 3" އަށް މިސް އިންޑިއާ ނަންދިނީ ގެންނަން އުޅޭ ކަމަށް ވާހަކަ ދެކެވޭ އިރު، އަކްޝޭ މީގެ ކުރިން ވެސް ވަނީ ރީތީގެ މުބާރާތްތައް ކާމިޔާބުކޮށްފައިވާ މީހުންނާ އެކީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނަގެ މިދިޔަ އަހަރުގެ ފިލްމު "ސަމްރާޓް ޕްރިތުވީރާޖް" ގެ ބަތަލާ އަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ. އަދި އަކްޝޭގެ 2003 ގެ ފިލްމު "އަންދާޒް" ގެ ބަތަލާއިންނަކީ 2000 ވަނަ އަހަރުގެ މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްޅާ އާއި އެ އަހަރުގެ މިސް ޔުނިވާސް ލާރާ ދައްތާ އެވެ.
އަކްޝޭ ވަނީ މިސް ވޯލްޑްގެ ތާހު ހާސިލުކުރި އައިޝްވާރިއާ ރާއީއާ އެކީ ވެސް މަސައްކަތްކޮށްފަ އެވެ. އެއީ 2010 ގެ "އެކްޝަން ރިޕްލޭ" ގަ އެވެ.
މިސް އިންޑިއާ ކާމިޔާބުކުރުމާ ގުޅިގެން މި އަހަރު ބާއްވާ މިސް ވޯލްޑް މުބާރާތުގައި ނަންދިނީ އިންޑިއާ ތަމްސީލުކުރާނެ އެވެ.