Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

މެސީ މާފަށް އެދިއްޖެ

ކުޅެމުން އަންނަ ފްރާންސްގެ ކުލަބް ފީއެސްޖީގެ ހުއްދަ ނުހޯދައި އެ ޓީމްގެ މަޝްހޫރު ކުޅުންތެރިޔާ ލިއޮނަލް މެސީ މިދިޔަ ހަފުތާގައި ސައޫދީ އަރަބިއްޔާ އަށް ދިއުމާ ގުޅިގެން ސަސްޕެންޑްކޮށްފައި ވަނިކޮށް މައާފަށް އެދިއްޖެ އެވެ.

އާޖެންޓީނާ އަށް އުފަން ކުޅުންތެރިޔާ މައާފަށް އެދިފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އޭގައި ބުނީ ޓީމްގެ މެނޭޖްމަންޓާއި ކުޅުންތެރިންގެ ކިބައިން ވެސް މައާފަށް އެދޭ ކަމަށެވެ. އަދި ޓީމަށް އެންގުމަކާ ނުލައި ފުރައިގެން ދިޔައީ އާދައިގެ މަތިން މެޗަކަށް ފަހު ހުސް ދުވަހެއް ލިބޭތީ އެކަން އެގޮތަށް އޮތް ކަމަށް ގަބޫލު ކުރެވިގެން ކަމަށް ބުންޏެވެ.

މެސީ ބުނީ ސައުދީ އަށް ދިޔައީ އެ ދަތުރަކީ މާ ކުރިން ރޭވިފައި އޮތް ދަތުރަކަށްވުމާ އެކީ އެ ކެންސަލް ވެސް ކުރެވެން ނެތުމުން ކަމަށެވެ. އެ ދަތުރުގައި މެސީގެ އަންހެނުންނާއި ކުދިން ވެސް ބައިވެރިވި އެވެ.

ޓީމަށް ނޭނގި ފުރައިގެން ދިއުމުން ޕީއެސްޖީން މެސީ ސަސްޕެންޑްކުރީ ދެ ހަފުތާއަށެވެ.

އޭނަ ސައޫދީ އަށް ދިޔައީ އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ލިބުނު ޓޫރިޒަމްގެ ޕްރޮމޯޝަނަލް ދަތުރަކަށެވެ. އެ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް މީގެ ހަ ދުވަސް ކުރިން މެސީ ސޯޝަމް މީޑިއާގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އޭގައި ފެންނަނީ ފެހިކަން ގަދަ ސަރަހަދެއްގައު ހުރި ކަދުރު ރުއްތަކެކެވެ.