ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލާއި ސާރާ އަލީ ޚާން އެކީގައި ކުޅުނު ފުރަތަމަ ފިލްމު އަންނަ މަހުގެ 2 ގައި ރިލީޒްކުރަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު ޝޫޓީން ނިންމާފައި އޮތް މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ލަކްޝަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" އެވެ. ލަކްޝްމަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2021 ގެ "މިމީ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ގެ ނަން ލަކްޝްމަން 2019 ގައި ގެނެސްދިން "ލުކާ ޗުއްޕީ" އާ ގުޅުވައިގެން "ލުކާ ޗުއްޕީ 2" އަށް ބަދަލުކުރަން އޮތީ ނިންމައިފަ އެވެ. އަދި ފިލްމުގެ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވާތީ ފިލްމުގެ ނަން ދެން މާ ލަހެއް ނުކޮށް ކަށަވަރު ވާނެ އެވެ.
"ލުކާ ޗުއްޕީ" އަކީ ކާތިކް އާރިއަނާއި ކްރިތީ ސެނަން ކުޅުނު ފިލްމެކެވެ.
"ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ބަތަލާ ކެޓްރީނާއާ 2021 ގެ ނޮވެމްބަރު ކައިވެނި ކުރުމަށް ފަހު، ވިކީ ކުޅުނު ފުރަތަމަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ގޯވިންދާ ނާމް މޭރާ" އެވެ.