ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުން ދުނިޔެ އަށް ކުރިމަތިވާ ނުރައްކާތަކަށް ވުރެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ނުރައްކާ ބޮޑުވެދާނެ ކަމަށް އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޖިއޮފްރީ ހިންޓަން ވިދާޅުވެއްޖެ އެވެ.
ގޫގުލްގެ ބެލެނިިވެރި ކުންފުނި އަލްފަބެޓްގައި 10 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ ކުންފުނިން އިސްތިއުފާ ދެއްވި "ގޯޑް ފާދާ އޮފް އޭއައި" ގެ ނަމުން މަޝްހޫރު ޖިއޮގްފްރީ ރޮއިޓާސް އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭއައީގެ ކުރިމަގު މިހާރު ފެންނަނީ ވަރަށް ނުރައްކާތެރިކޮށް ކަމަށެވެ.
އޭނަ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުން މިހާރު އޭއައީގެ ތެރެއަށް ވަދެ، އެއަށް ބަރޯސާވާ މިންވަރު ދަނީ ކަންބޮޑުވާހާ މިންވަރަށް އިތުރުވަމުން ކަމަށެވެ. އަދި މީގެ ސަބަބުން ހުރިހާ ވެސް ގެއްލުމެއް އޮތީ އިންސާނުންގެ ދިރިއުޅުމާއި އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ދުނިޔެ އަށް މިހާރު އޮތް އެންމެ ބޮޑު ބޮޑު ބިރަކީ އަދި ނުރައްކަލަކީ ކްލައިމެޓް ޗޭންޖަށް ވުރެ ބޮޑަށް އޭއައި." ޖިއޮފްރީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި މޫސުމީ ބަދަލުތަކުން ދިމާވާ މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކައި، ހައްލުތަކެއް ހޯދުނަސް، އޭއައިގެ ވަކި ހިއްޕުންތަކާ އެކީ އިންސާނުންގެ ކޮންޓްރޯލުން ހުރިހާ ކަމެއް ބޭރުވެދާނެ އެވެ.
"ކްލައިމެޓް ޗޭންޖް އިޝޫތަކުގައި އަހަރެމެން ބުނެވިދާނެ މިވެނި މިވެނި ކަމެއްކޮށްގެން ކަންކަން ހައްލު ކުރެވިދާނޭ. އެކަމަކު މީގެ މާނައެއް ނޫން ކްލައިމެޓް ޗޭންޖާ ދެކޮޅަށް މަސައްކަތް ނުކޮށް ތިބުމަކީ،" ޖިއޮފްރީ ވިދާޅުވި އެވެ. "އަޅުގަނޑު މި ބުނާ އެއްޗަކީ ކަންކަން މިހާރު ދާ ގޮތަށް ބަލާ އިރު އޭއައިގެ ސަބަބުން އަހަރެމެން ކުރިމަތިލާން ނުރައްކާތައް މާ ބޮޑު ވެދާނޭ. މިހާރުން މިހާރަށް އެބަޖެހެއޭ އެ އިޝޫއާ ދޭތެރޭ ވަރަށް ސީރިއަސްކޮށް، ފުންކޮށް ވިސްނަން."
އޭނަ ވިދާޅުވީ އޭއައި އަށް ބަރޯސާވާ މިންވަރަށް ބަލާ އިރު މިކަމަކީ މިހާރު އަވަސް ހައްލުތަކެއް ހޯދަން ޖެހޭ މައްސަލައެކެވެ.
އޭއައިއޭއާ އެކީ މިހާރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޗެޓްޖީޕީޓީ ބޮޓްތައް ވަކި ހިއްޕަމުންދާ މައްސަލަ އެވެ. އަދި ބޮޑެތި ޓެކް ކުންފުނިތަކުން މިކަމަށް މިހާރު ކުރާ ހޭދަ އެވެ.