Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

"ފިކުރެއްގެ ދިރުން" ފެކްޝަނާ ޤާސިމް ބައްދަލުކޮށްފި

ފޮޓޯ: ޖުމްހޫރީ ޕާޓީ

"ފިކުރެއްގެ ދިރުން"ގެ ބޭފުޅުންނާ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ސަން އައިލެންޑްގައެވެ.

ޖޭޕީން ބުނެފައިވަނީ މިބައްދަލުވުމަކީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކާއި، ޖޭޕީއާއެކު ކުރިއަށްދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް" މުހައްމަދު ޝިހާބު ބައިވެރިވެފައިވެއެވެ. ޖޭޕީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ޖޭޕީގެ ލީޑަރު ޤާސިމް، ކުރީގެ މެންބަރު އިލްހާމް އަހުމަދު، ކުރީގެ މެންބަރު ރިޔާޒް ރަޝީދު އަދި ކުރީގެ މެންބަރު އަހުމަދު ނިހާނެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ނިންމާފައިވާއިރު، އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. ރިޔާސީ އިންތިހާބަށް ޤާސިމް އާއެކު ރައީސް ނަޝީދު މަސައްކަތް ކުރައްވާއިރު، މިކަމާ ގުޅިގެން ރައީސް ނަޝީދަށް އަދި ޖޭޕީއަށް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރައީސް ސޯލިހްވަނީ އެމަނިކުފާނާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖޭޕީއަށްވެސް ހުށަހަޅާފައެވެ.

ޖޭޕީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު މޯލްޑިވްސް ރިފޯމް މޫވްމެންޓަށް ދީފައިވާއިރު އެ ޕާޓިން އަދި އެކަމާމެދު ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. އެމްއާރްއެމްއަށް ކޯލިޝަން ހެދުމުގެ ދައުވަތު ސަރުކާރުން ވެސް ވަނީ ދީފައެވެ. މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ.