Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ކޭ ޕާކް މައްސަލާގައި މަންޑޭގެ ޕާސްޕޯޓް ހިފަހައްޓައިފި

ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުގައި އިމާރާތް ކުރަން ނިންމި ކޭ ޕާކް ރެޒިޑެންސް ފްލެޓްތައް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ކޭ ޕާކް ރެޒިޑެންސްގެ މައްސަލައާ ގުޅިގެން އާބަންކޯއިން މޭ 4 ވަނަ ދުވަހު ބުނެފައިވަނީ، ދެކުނު ކޮރެއާގެ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ "ކޭޕާކް ރެޒިޑެންސް"ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން އާބަންކޯ އަށް މައްސަލަ ހުށަހަޅަފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެ ކޯޕަރޭޝަނުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނަ އިރު، އަނެއް ފަސް ޕަސެންޓް އޮންނަނީ ހަސަން މަމްދޫހު (މަންޑޭ)ގެ އަތުގައެވެ.

ހަންބޯއިން ދާދިފަހުން ނެރުނު ބަޔާނެއްގައި ބުނީ ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ މަންޑޭ ކަމަށް އެކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.