Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ޕޭވްމަންޓް މަތީގައި ވިޔަފާރި ނުކުރެވޭނެ

އަރބަންކޯ އޮފީސް ބޭރުން / ފޮޓޯ: އަރބަންކޯ

ޕޭމަންޓު މަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރި ކުރުން ހުއްޓާލަން އާބަންކޯ އިން އަންގައިފި އެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް މި ކުންފުނީގެ ފަރާތުން ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް ދެމުން އަންނަ މައްސަލަ ފާހަގަވެފައިވާ ކަމަށް އާބަންކޯ އިން ބުނެ އެވެ. އަދި މިކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ އެކަމުގެ ޝަކުވާ އެ ކުންފުންޏަށް ލިބިފައިވާކަމަށް ބުނެފައިވެ އެވެ.

މި މައްސަލާގައި އާބަންކޯއިން ބެލި ބެލުމުގައި ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން ކުންފުންޏަށް ވަނީ އެނގިފަ. މިކަން ހައްލުކުރުމަށްޓަކާއި، ގޮނޑިއާއި މޭޒު އެތަންތަނުން ނެގުމަށް ވިޔަފާރި ހިންގާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވާނީ އަންގާފަ." އާބަންކޯ އިން ބުނެ އެވެ.

މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްވެސް ކުރާ ކަންކަން ކަމަށްވާތީ މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތަކަށް ދީފައިވާ ހުއްދައާއި އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަށް އާބަންކޯ އިން ވަނީ އެދިފަ އެވެ.