Last Updated: July 26, 12:01
Sunday, July 26, 2026
މުނިފޫހިފިލުވުން

އޮފީސް ތަޅާލުމުގެ ބަދަލު ކަންގަނާ ބޭނުމެއް ނޫން

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ މުމްބާއީ އޮފީސް އިމާރާތުގެ ބައެއް ހަދާފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ މީގެ ދެ އަހަރު ކުރިން އެތަން ތަޅާލި މައްސަލާގައި މުމްބާއި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ދޭން ކޯޓުން ހުކުމްކޮށްފައި އޮތް މާލީ ބަދަލު ބޭނުން ނުވާ ކަމަށް ކަންގަނާ ބުނެފި އެވެެ.

އޭބީޕީ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ބަދަލު ބޭނުން ނުވާ ކަމަށާއުި އެ ބަދަލު ހޯދަން އުޅެގެން ދައުލަތަށް މާލީ އެއްވެސް ބުރައެއް ޖައްސަން ބޭނުން ނުވާ ކަމަށެވެ. ކަންގަނާ ބުނި ގޮތުގައި އެ ބަދަލު އޭނަ އަށް ދައުލަތުން ދޭނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކަމަށާއި އެފަދަ ފައިސާއަކުން މަންފާއެއް ހޯދުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި އެ ވާހަކަ މަހާރަޝްތުރާ ސްޓޭޓްގެ މިހާރުގެ ޗީފް މިނިސްޓަރު އޭކްނާތު ސަމްބާޖީ ޝިންޑޭއާ ވެސް ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

ބަދަލު ނުހޯދަން ކަންގަނާ ނިންމި އިރު، އޭނަ އަކީ އިންޑިއާގެ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރާ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ.

ކަންގަނާއާ ބަދަލު ދޭން މުމްބާއީ ހައި ކޯޓުން 2020 ގެ ނޮވެމްބަރު މަހުގެ ތެރޭގައި އަމުރުކުރީ ގެއްލުމުގެ ބަދަލަށް ދެ ކްރޯޑް ރުޕީސް ހޯދަން ބީއެމްސީގެ މައްޗަށް ދައުވާކުރުމުންނެވެ.

ކަންގަނާގެ އޮފީހުން ބައެއް ބީއެމްސީން ތަޅައިލީ އޭނާ އާއިލާގެ ގާތަށް ހިމާޗަލް ޕްރަދޭޝް އަށް ގޮސް ހުއްޓައި ސެޕްޓެމްބަރު 9، 2020 ގަ އެވެ. އަދި ތަން ތަޅާލީ ހަތް ދުވަހުގެ ނޯޓިހެއް ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެތަން ހުސް ނުކުރުމުން ކަމަށް ބީއެމްސީން ބުނެފައިވެ އެވެ.

އޮފީސް ތަޅާލި މައްސަލާގައި ކަންގަނާ ވަނީ މަހާރަޝްތުރާ ސްޓޭޓްގެ އޭރުގެ ޗީފް މިނިސްޓަރު އުދައްވު ތާކްރީ އަށް ވެސް އެތައް ފަހަރެއްގެ މަތިން ކަންގަނާ ވަރުގެ ބަހުގެ ހަމަލާތައް ފޮނުވި އެވެ. އެގޮތުން އޭނާގެ އޮފީސް ތަޅާލުމަކީ އަޅުކަންކުރާ ތަނެއް ތަޅާލުމުން ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް ދެން އޮތީ އުދައްވުގެ ވެއްޓުން ކަމަށް ބުނެފައިވެ އެވެ.

މުމްބާއި ހައި ކޯޓުން އިއްވި ހުކުމާ ގުޅިގެން އޭރު ކަންގަނާ ކޯޓްގެ ނިންމުމަށް މަރުހަބާ ވެސް ކިޔެ އެވެ. އޭނަ ކުރި ޓްވީޓްތަކެއްގައި އެއީ ޑިމޮކްރަސީ އަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށާއި ސަރުކާރުތަކަށް މީސްމީހުންނާ ދޭތެރޭ ހިތުހުރިހާ ގޮތެއް ނުހެދޭނެކަން ކޯޓުގެ ހުކުމުން ޔަގީންވެއްޖެ ކަމަށް ބުނެފައިވެ އެވެ.

ކަންގަނާ ބުނެފައިވާ ގޮތުގައި އޭނާގެ އޮފީސް ތަޅައިލީ ފާޅުކުރި ހިޔާލުތަކަކާ ގުޅިގެން ޒާތީ ގޮތުން ޖައްސާލައިގެންނެވެ. އެހެންވެ އެފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރަސީ މަރާލުން ކަމަށް ބުނެފައިވެ އެވެ.